"ފަރެސްމާތޮޑާ ގޭބިސީތަކުގެ ކަރަންޓްބިލް ބޮޑުވެ ރައްޔިތުން "އަށްޑިހައަށް

image

ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ގޭބިސީތަކުގެ މިދިޔަ މަހުގެ ކަރަންޓު ބިލު އަދަޔާ ޚިލާފަށް ބޮޑުވެ ރައްޔިތުންގެ ހިތްހަމަ ނުޖެހުން "އަށްޑިހައަށް" (ރަތަށް) އަރައިފިއެވެ.

ފަރެސް މާތޮޑާއިން ދުވަސް ނޫހާއި ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ދިރިއުޅޭ ގޭގެ ކަރަންޓު ބިލަށް އާންމުކޮށް މަހަކު ދައްކަން ޖެހެނީ 700 ރުފިޔާ ކަމަށެވެ. ނަމަވެސް މިފަހަރުގެ ބިލަށް 1800 ރުފިޔާ އަރައިފައިވާ ކަމަށެވެ. "މީގެ ކުރިން ދުވަހަކުވެސް މިވަރެއްނުވޭ. ބިލް ބޮޑުވާންވީ އެއްވެސް އިތުރު ސަބަބެއްވެސްނެތް. ބައެއްގޭގެ ބިލަށް މިފަހަރު ތިރީސް ހާސް ރުފިޔާ އަރާފައިވާ ކަމަށްވެސްވޭ،" ފަރެސް މާތޮޑާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި މައްސަލައިގައި ފަރެސްމާތޮޑާގެ ގިނަ ރައްޔިތުންތަކެއް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް އެރަށު ކައުންސިލުގެ ނާއިބު ރައީސް އަހުމަދު ޒާހިރު މިއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށު ރައްޔިތުންގެ ކަރަންޓުބިލު އެހާ ބޮޑުވީ ކީއްވެކަމެއް އޭނާއަށް އެނގިފައި ނުވާކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ އޭގެ ކުރީ މަހުގެ ކަރަންޓު ބިލު ގޭގެއަށް ފޮނުވާފައިނުވާކަން. އެހެން އޮވެފައި ދެމަހުގެ ބިލް އެއްފަހަރާ ފޮނުވުމުން ބިލް ބޮޑުވެފައި މިވަނީ. އިންޖީނުގޭ މެނޭޖަރާ ވާހަކަ ދެއްކުމުން އޭނާ ވިދާޅުވީ މައްސަލަ ދިމާވެފައިވަނީ ބިލިން ސިސްޓަމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް،" އަހުމަދު ޒާހިރު ވިދާޅުވިއެވެ.

"އަހަރެމެންގެ ގޭގެ ކަރަންޓް ބިލަށް ބޮޑުވެގެން އަރަނީ ފަސްސަތޭކަ ރުފިޔާ. މީގެ ތިންމަސް ކުރިން ބިލް ދައްކަން ދިޔައިމާ އިންޖީނުގެއިން ބުނީ އެއްތިރީހާސް ރުފިޔާ ބިލަށް އަރައިފައިވާ ކަމަށް. އަހަރެން ބުނެފިން ތިހާ ބޮޑު އަދަދެއް އެއްފަހަރާ ނުދެއްކޭނެޔޭ. މިފަހަރު ފަނަރަހާސް ދައްކައިފާނަމޭ. އެހެންބޫނީމާ ބިލް ބަލާފައި ބުނެފި މައްސަލައެއް އެބައުޅެޔޭ ބިލުގައި. އަހަރެން ބުނެފިން މައްސަލަ ހައްލުކޮށްފައިދޭށޭ. އެފަހުން މައްސަލަ ހައްލުކޮށްފައި ބިލްދިނީ މިމަހު. އޭރު އޮތް އެއްތިރީސް ހާސް އަށްސަތޭކަ ކޮންމެވެސް ވަރެއް. އޭރުވެސް އެއްމަހަށް އަރާފައިވާ އެއްތިރީސް ހާސް އެބައޮތް އޮތްގޮތަށް. ފަހުން އެރި އަށްސަތޭކައަކީ ފަހުން ހިނގި ދެމަހުގެ ބިލަށްވާ ފައިސާ. މިކަހަލަ މައްސަލަތަކެއް އެބައުޅޭ އިމްޖީނުގޭގައި،" އެރަށުން ވާހަކަ ދެއްކި ތައުފީގު ކިޔާ މީހަކު ބުންޏެވެ. އޭނާ ބުނީ މިފަދަ މައްސަލައަކީ ގަސްތުގައި އިންޖީނުގެއިން ކުރާކަމެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އެކަން ކުރަންވާ ގޮތް ނޭނގިގެން ދިމާވާ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.

އެރަށުގެ ބައެއް މީހުން ބުނިގޮތުގައި ކުރިން ފައިސާ ނަގާފައިވާ ބިލްތަކަށް ދެވަނަފަހަރަށްވެސް ފައިސާ ނަގަމުންދާ މައްސަލަވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. "ބިލް ދައްކަންދިޔައިމާ ބުނާނެ ބިލިން ސިސްޓަމްގެ މައްސަލައެކޭ. އަބަދު ބިލިން ސިސްޓަމް ކުށްވެރިވެފައިވަނީ،" އެރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

ފަރެސް މާތޮޑާ އިންޖީނުގޭ މެނޭޖަރުގެ ފޯނަށް ގުޅޭ ގޮތެއް ނުވުމުން އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ. ފަރެސް މާތޮޑާއަށް ކަރަންޓު ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. މިމައްސަލާގައި އެ ކޯޕަރޭޝަނުގެ ބަހެއްވެސް ލިބޭ ގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް