ހެކަރު ހައްޔަރުކުރި މައްސަލާގައި ރާއްޖެއަށް ފިއްތުމެއް ކުރިމަތި ނުވާނެ
ރަޝިޔާގެ ހެކަރު ހައްޔަރު ކުރި މައްސަލައިގައި އެގައުމުގެ ސަރުކާރުގެ އެއްވެސް ފިއްތުމެއް ރާއްޖެއަށް ކުރިމަތި ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީގެ އިސްވެރިއެއް ވިދާޅުވީ މި މައްސަލައިގައި ސީދާ ރަޝިއާ ސަރުކާރުން ވާހަކަ ދައްކާފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ވާހަކަ ދައްކަމުން ގެންދަނީ ހެކަރުގެ ބައްޕަ ވެލެރީ ސެލެޒްނޯވް ކަމަށެވެ. އޭނާ އަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. ނަމަވެސް އޭނާ ދައްކާ ވާހަކަ ތަކަކީ ރަޝިޔާ ސަރުކާރުން ދައްކާ ވާހަކަތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ.
"ރާއްޖޭގައި މަޖިލީސް މެމްބަރުން ވާހަކަ ދައްކަވާ. އެހެން ނަމަވެސް އެއީ ދިވެހި ދައުލަތުން ދައްކާ ވާހަކައަށް ނުވާނެ. ދެން އޮތް ސުވާލަކީ ރަޝިޔާގެ އެމްޕީއެއް (ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް) ދައްކަވާ ވާހަކަ ފުޅަކަށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅާފާނެތޯ؟ މިމައްސަލަ އެންމެ ބޮޑުވެެގެން ވެސް ވާނީ ބައިލެޓްރަލް (ދެ ގައުމުގެ މެދުގައި ހިނގާ) މައްސަލައަކަށް. މި މައްސަލަ މަލްޓިލެޓްރަލް (ގިނަގައުމުތަކެއްގެ މެދުގައި ހިނގާ މައްސަލައަކަށް) ވެގެން ނޫނީ އަދި ދަތިކުރުމުގެ ފިޔަވަޅަކާ ހަމައަކަށް ނުދާނެ،" އޮފިޝަލް ވިދާޅުވިއެވެ. އެމެރިކާގެ ކްރެޑިޓް ކާޑުތަކެއް ހެކު ކުރި މައްސަލައިގައި އިންޓަޕޯލުން ރެޑް ނޯސްޓިސް ނެރެގެން ރޯމަން ވެލެރެވިކް ސެލެޒްނުވޯ ހައްޔަރު ކުރީ މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލާ އެއްގޮތަށް ކަމަށް ދިވެހި ސަރުކާރުންވަނީ ބުނެފައެވެ.
"މީގެ ކުރިން ވެސް މީހުން ހައްޔަރު ކުރަމުން ގެންދިޔައީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރެގެން. އެހެން ނަމަވެސް މިފަހަރު މައްސަލައަކަށް ވީ ރަޝިޔާ މީހަކު ހައްޔަރުކޮށް އެމެރިކާއިން އޭނާ ގެންދިއުމުން. އިންޓަނޭޝަނަލް ލޯތަކުން ވެސް ހުރަހެއް ނާޅާ ތާޑް ޕާޓީ ގައުމަކާ (ތިން ވަނަ ގައުމަކާ) މީހަކު ހަވާލުކުރުމަކަށް. މީގެ ކުރިން ވެސް ރާއްޖެއިން ހައްޔަރު ކުރާ މީހުން އެމެރިކާއާއި އެހެން ގައުމުތަކާ ވެސް ހަވާލުކޮށްފައި އެބަހުރި،" މިނިސްޓްރީން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.
އެނާ ހައްޔަރުކުރީ އެމެރިކާ ސިފައިން ކަމަށް ރައްޖޭގެ މީޑިއާތަކާއި ބޭރުގެ ނޫސްތަކުގައި ފަތުރާފައިވާ ހަބަރަކީ އެކަމުގެ ހަގީގަތަށް ނުބަލައި ފަތުރާފައިވާ ހަބަރެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
"އެނާ ހައްޔަރު ކުރީ ދިވެހި ފުލުހުން. ހައްޔަރު ކޮށްގެން ފުލުހުންގެ ލޯންޗަކަށް އެރުވުމަށްފަހު އެމެރިކާގެ މާޝަލްސްއާއި ހަވާލުކުރީ ޕްރޮސީޖާގެ ދަށުން. އެއާޕޯޓުގައި އެމެރިކާ ސިފައިން އެއްވެސް އޮޕަރޭޝަނެއް ނުހިންގާ އަދި ހަތިޔާރެއް ވެސް ބޭނުމެއް ނުކުރޭ،" ފޮރިން މިނިސްޓްރީން "ދުވަސް" ނޫހަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.
މި މައްސަލައިގައި ފޮރިން މިނިސްޓަރުގެ ނައިބު ފާތިމަތު އިނާޔާ ވަނީ ހުކުރު ދުވަހު ރަޝިޔާ އެމްބަސީއަށް ވަޑައިގެންފައެވެ. މި މައްސަލައިގައި ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމަށް ހީނަރުކަމެއް ނައިސް ކުރިއަށް ދާނެކަމުގެ ޔަގީންކަން މިނިސްޓަރުގެ ނައިބު ވެސް ވަނީ ދެއްވާފައިއެވެ.
ކިޔުންތެރިންގެ ހިޔާލު