އިޒްރޭލާއި ދެކޮޅަށް އެމްޑީޕީން އަޑުއުފުލައިފި
.އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް މޯލްޑިވިއަން ޑިމޮކްެރަޓިކް ޕާޓީ (އެމްޑީޕީއިން) ހިނގާލުމެއް ބާއްވައިފިއެވެ.
ރޭ މާލޭގައި ބޭއްވި ހިނގާލުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ހިނގާލުމުގައި ގިނައަދަދެއްގެ އާންމުން ވެސް ބައިވެރިވެފައިވެއެވެ.
ހިނގާލުމުގެ ބައިވެރިން ހިފަހައްޓައި ތިބި ޕޯސްޓަރުތަކުގައި ލިޔެފައިވަނީ ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށެވެ. އަދި އަރަބި ގައުމުތަކުން ފަލަސްތީނުގެ ހާލަތާމެދު ހޭލުމަށް ވެސް ގޮވާލާފައިވެއެވެ.
އިޒުރޭލުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އަޑު އުފުލުމަށް އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހު ގަރާރެއް ފާސްކޮށްފައެވެ. ގަރާރުގައި ބުނެފައިވަނީ އެމެރިކާގެ ސެކެރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެފައިވާ ގޮތަށް އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުން ހައްލުކުރުމަށް އެމްޑީޕީން ފުރިހަމައަށް ތާއީދު ކުރާކަމަށެވެ. މިފަހަރު މިމައްސަލަ ފާލުން ނެއްޓުމުގެ ސަބަބެއްކަމުގައިވި، ފަލަސްޠީނުގެ ބިމުގައި ވަޒަންވެރިވެގެންއުޅޭ އިސްރާއީލުގެ ވަޒަންވެރިން ފަލަސްޠީނުގެ ފުރާވަރުގެ ކުއްޖެއް ދިރިހުއްޓާ ރޯކޮށްލި މައްސަލަ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެކަން ހަރުކަށި އިބާރާތުން އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ.
"މިފަދަ ޤަތުލުތަކާއި ނަފްސު ނިކަމެތިކުރުމުގެ ޢަމަލުތަކަކީ އިސްރާއީލުން ކަނޑައެޅިގެން ވަކި ނިޒާމެއްގެ މަތިން ގެންގުޅޭ އިސްތިޢުމާރީ ސިޔާސަތެއްކަމުގައި މި ޕާޓީން ދެކޭތީ،އަދި މިހާރު ހިނގަމުން މިދާ ބަރަކާތްތެރި ދުވަސްތަކަކީ ސަމާޙައްތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ ރަމަޟާންމަސް ކަމުގައި ވެފައި، އެ މައްސަރަކީ ޞުލްޙައަށްޓަކައި ޖިހާދުކުރުމުގެ މައްސަރުކަމުގައިވާތީ،އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް މި ޕާޓީން އަޑުއުފުލައި އިޙްތިޖާޖްކުރުމަށް އިޤްރާރްވަމެވެ." އެމްޑީޕީން ފާސްކުރި ގަރާރުގައި ބުނެފައިވެއެވެ.
ގަރާރު ހުށަަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އީވާ އަބުދުﷲއެވެ. ތާއީދު ކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާ ރައީސް އިބްރާޙީމް އަޙްމަދެވެ.
ކިޔުންތެރިންގެ ހިޔާލު