އިޒްރޭލާއި ދެކޮޅަށް އަޑުއުފުލަން އެމްޑީޕީން ނިންމައިފި
ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ ފަލަސްތީނުގެ އެތައްބައިވަރު އާންމުންނެއް މަރަމުން އަންނަ މައްސަލައިގައި އިޒްރޭލާއި ދެކޮޅަށް އަޑުއުފުލުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގަރާރެއް ފާސްކޮށްފިއެވެ.
އެމެޑީޕީގެ ގައުމީ މަޖިލީހުން މިހެން ނިންމާފައިވަނީ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައިއެވެ. އިޒްރޭލާއި ދެކޮޅަށް އަޑު އުފުލުމަށް ގަރާރު ހުށަހަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ އެވެ. ތާއީދު ކުރެއްވީ އެމްޑީޕީގެ މައްޗަންގޮޅި އުތުރު ދާއިރާ ރައީސް އިބްރާޙީމް އަޙްމަދެވެ.
ރޭ ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެމެރިކާގެ ސެކެރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެފައިވާ ގޮތަށް އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުން ހައްލުކުރުމަށް އެމްޑީޕީން ފުރިހަމައަށް ތާއީދު ކުރާކަމަށެވެ. މިފަހަރު މިމައްސަލަ ފާލުން ނެއްޓުމުގެ ސަބަބެއްކަމުގައިވި، ފަލަސްޠީނުގެ ބިމުގައި ވަޒަންވެރިވެގެންއުޅޭ އިސްރާއީލުގެ ވަޒަންވެރިން ފަލަސްޠީނުގެ ފުރާވަރުގެ ކުއްޖެއް ދިރިހުއްޓާ ރޯކޮށްލި މައްސަލަ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެކަން ހަރުކަށި އިބާރާތުން އެމްޑީޕީން ވަނީ ކުށްވެރިކޮށްފައެވެ.
"މިފަދަ ޤަތުލުތަކާއި ނަފްސު ނިކަމެތިކުރުމުގެ ޢަމަލުތަކަކީ އިސްރާއީލުން ކަނޑައެޅިގެން ވަކި ނިޒާމެއްގެ މަތިން ގެންގުޅޭ އިސްތިޢުމާރީ ސިޔާސަތެއްކަމުގައި މި ޕާޓީން ދެކޭތީ،އަދި މިހާރު ހިނގަމުން މިދާ ބަރަކާތްތެރި ދުވަސްތަކަކީ ސަމާޙައްތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ ރަމަޟާންމަސް ކަމުގައި ވެފައި، އެ މައްސަރަކީ ޞުލްޙައަށްޓަކައި ޖިހާދުކުރުމުގެ މައްސަރުކަމުގައިވާތީ،އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް މި ޕާޓީން އަޑުއުފުލައި އިޙްތިޖާޖްކުރުމަށް އިޤްރާރްވަމެވެ." އެމްޑީޕީން ރޭ ފާސްކުރި ގަރާރުގައި ބުނެފައިވެއެވެ.
ގަރާރު ހުށަަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އީވާ އަބުދުﷲއެވެ. ތާއީދު ކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާ ރައީސް އިބްރާޙީމް އަޙްމަދެވެ.
ކިޔުންތެރިންގެ ހިޔާލު