މިފްކޯ އެއް ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް އިކޮންމިކް ކައުންސިލުން ފާސްކޮށްފި

image މިފްކޯ އަނެއްކާވެސް އެއްކޮށްލުމުން މަސްވެރިންނަށް ލިބޭ ފައިދާ އިތުރުވެގެންދާނެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަލުން އެއްކޮށްލުމަށްފަހު ކުރިއެކޭ އެއްގޮތަށް އެއްކުންފުންޏެއްގެ ގޮތުގައި ހިންގުމަށް އިކޮނޮމިކް ކައުންސިލުން ފާސް ކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީފްކޯ އަލުން އެއްކުރުމަށްފަހު އެއްކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ފާސްކުރެއްވީ މީހާރުއޮތް ގޮތުން މާލީ ގޮތުންނާއި، ގާނޫނީ ގޮތުން މައްސަލަތަކެއް ދިމާވަމުންދާތީއެވެ.

މިފްކޯ އެއް ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ދަނިކޮށް ރައީސް ނަޝީދުގެ ސަރުކާރުންވަނީ އެކުންފުނި ތިންބައި ކުރައްވައި މިފްކޯގެ އިތުރަށް، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް (ކޭ.އެފް.އެމް.އެލް) އާއި، ފެލިވަރު ފިޝަރީޒް ލިމިޓެޑް (އެފް. އެފް. އެމް. އެލް) އުފައްދަވައިފައެވެ.

މިކަމާ ގުޅިގެން މަސްވެރިކަމުގެ ދާއިރާގެ އިސްވެ ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ މިފްކޯ ބައިބައިކޮށްލައިގެން ވަކި ކުންފުނިތަކެއްގެ ގޮތުގައި ހިންގުމުން ލިބޭ ގެއްލުން ވަރަށްބޮޑު ކަމަށެވެ. އަދި މިފްކޯއިން ކުރިން ނަގާފައިވާ ލޯނުތައް ދައްކަން ދަތިވެ މައްސަލަތައް ދިމާވަމުންދާ ކަމަށެވެ.

މިފްކޯ ކުރިން ހިންގިގޮތަށް އަލުން ހިންގަން ފެށުމުން ލިބޭ ފައިދާ ބޮޑުވެ އެކަމުގެ ސަބަބުން ރައްޔިތުންނަށާއި، މަސްވެރިންނަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ދަރަނިން ސަލާމަތްވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިފްކޯ ބައިކޮށްލުމުން މައިގައިގަނޑު ހަތް މައްސަލައެއް ވަނީ ދިމާވެފައެވެ.އެއީ ކުންފުނި ބައިކޮށް އިތުރު ކުންފުނިތަކާ ގުޅުން އުފެއްދުމުގައި ގާނޫނީ މައްސަލަތައް ދިމާވުމާއި، މަސްވެރިން އަތުން އެކަށީގެންވާ މިންވަރަށް މަސް ނުގަނެވުމާއި، ރާއްޖޭގައި ވެލިޔު-އެޑްނުކޮށް މަސް އެކްސްޕޯޓް ކުރުމުން ސީދާ ގޮތުންނާއި ނުސީދާ ކޮށް ލިބޭ ގެއްލުން ބޮޑުވުމެއެވެ. އަދި ދިވެހި ލޯކަލް މާކެޓަށް ބޭނުންވާ ވަރަށް ދަޅުމަސް ނުއުފެއްދުމާއި، ދައުލަތުގެ އަގުބޮޑު "އެސެޓް"ތައް ނުބެލެހެއްޓި ހަލާކުވެގެން ދިޔުމާއި، ކުންފުނިތައް ބައި ކުރެއްވުމުގައި މާލީ މައްސަލަތައް ދިމާވުމާއި، ބޭރުފައިސާ އިތުރު ކުރުމުގެ މައްސަލަ އެވެ.

މިފްކޯ ބައިކޮށް ތިންކުންފުންޏެއް އުފައްދާފައިވަނީ ކުންފުނި އުފައްދައި ހިންގުމާއި، އެއްވެސް "އެންޓިޓީއެއްގެ" އެސެޓަކަށް ގޮތްގޮތް ނިންމުނުގެ ގަވައިދުތަކާ ޚިލާފަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

"ތިން ކުންފުނިވެސް އުފައްދާފައިވަނީ ރާއްޖޭގެ ކުންފުނި އުފެއްދުމުގެ ގާނޫނާ ޚިލާފަށް. ލިމިޓެޑް ލައިބިލިޓީ ކުންފުންޏެއްގައި މަދުވެގެން ދެ ހިއްސާދާރުން ތިބެންޖެހޭއިރު މިތިން ކުންފުނީގައިވެސް މިހާރު ހުންނަނީ އެންމެ ހިއްސާދާރެއް. އެހެންކަމުން މިހިނދުވެސް މިކުންފުނިތައް ހިންގަމުން އަންނަނީ ގާނޫނާ ޚިލާފަށް،"

ކުންފުނި ބައިކޮށްލި އިރު ކުންފުނިންވަނީ ލޯނުތަކެއްވެސް ނަގައިފައެވެ. ނަމަވެސް މިފްކޯ ބައިކުރުމަށްފަހު އެސެޓުތައް "އެގޮތް މިގޮތަށް" ބައްސަވާފައިވަނީ ލޯނު ނަގާފައިވާ ބޭންކުތަކަށް އެނގުމެއްނެތި އެވެ. އެހެން ކަމުން އެފަދަ ބޭންކުތަކުން ގެންދަނީ އެކަން ގަބޫލުނުކޮށް ގާނޫނީ މައްސަލަތައް ނަގަމުން ކަމަށްވެސް "ދުވަސް" އަށް ވަނީ ކަށަވަރު ވެފައެވެ.

ކުންފުނިތައް ބައިކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު ބޭންކު ތަކުން ނަގައިފައިވާ އޯވަޑްރާފްޓް ފެސިލިޓީތަކުން ބޭނުން ކޮށްފައިވާ 92 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއްވެއެވެ. މިދަރަނި މިހާރުވެސް ވަނީ ވަގުތުން އަދާ ކުރަން ޖެހިފައެވެ. މީގެ 48.5 މިލިއަންރުފިޔާ ނަގައިފައިވަނީ ދައުލަތުގެ ސޮވެރިން ގެރެންޓީއަކަށް ކަން ވަނީ ޔަގީންވެފައެވެ. ބޭންކުތަކުން މިހާރު ގެންދަނީ މިފައިސާ ވަގުތުން ދެއްކުމަށް ބާރު އަޅަމުންނެވެ. އެހެން ނޫނީ ދައުލަތުން ދީފައިވާ ގެރެންޓީއަށް ދޫކޮށްފައިވާ ފައިސާ ސަރުކާރުން ދައްކަން ޖެހެއެވެ. ނޫނީ ދައުލަތުން ދޫކުރާ މިފަދަ ގެރެންޓީގެ އަގުވެއްޓިގެންދާނެއެވެ. މީގެ އިތުރަށް ސްޓޭޓް ބޭންކު އޮފް އިންޑިއާއިންވަނީ އެބޭންކަށް ދައްކަންޖެހޭ 1.6 މިލިއަން ޑޮލަރު ވަގުތުން ދެއްކުމަށް އަނގާފައެވެ. މީގެ އިތުރަށް ސަޕްލަޔަރުންނަށް ދައްކަންޖެހޭ 66 މިލިއަން ރުފިޔާއާއި، މިފްކޯއަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން ބާކީ އޮތް 261.1 މިލިއަން ރުފިޔާގެ ލޯނުގެ މައްސަލަވެސް ހިމެނެއެވެ.

ކޫއްޑުއާއި، ކަނޑުއޮތްގިރިއާއި، ފެލިވަރު މިފްކޯގެ ދަށަށް އަލުން ގެނެސް އެއް ކުންފުންޏެއްގެ ގޮތުގައި ހިންގަން ފާސްކުރިޔަސް އެކަން އަމަލީ ގޮތުން ކުރާނެ ދުވަހެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ވަރަށްއަވަހަށް އެކަން ކުރާނެ ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް