ގާނޫނު އަސާސީ އިސްލާހު ކުރުމަށް ޕީޕީއެމާއެކު މަޝްވަރާކުރަން ތައްޔާރު: އިބޫ

image (އިބްރާހީމް މުހައްމަދު ސާލިހު (ކ

ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށްޓަކައި، ވެރިކަން ކުރާ ޕީޕީއެމާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަށް ޖެހޭކަމުގެ ވާހަކައަކީ އެންޑީޕީން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. ގާނޫނު އަސަސީ އިސްލާހު ކުރުމުގެ ވާހަކަ އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދުވެސް "އިޝާރާތް" ކުރައްވާފައިވާ ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

"ގާނޫނު އަސާސީގަ އެބަހުރި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް. އެއީ އަޅުގަނޑުމެން ފެށުނީއްސުރެ ދައްކަމުން އަންނަ ވާހަކައެއް. އަޅުގަނޑުމެންގެ މިވަގުތު ހުންނެވި ވަގުތީ ރައީސް މުހައްމަދު ނަޝީދު ވެސް އޮތީ އެވާހަކައަށް އިޝާރާތް ކުރައްވާފައި. ގާނޫނު އަސާސީ އިސްލާހު ކުރުމަށްޓަކައި އެވާހަކަ ދެއްކުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ގާނޫނު އަސާސީގައި އެބަހުރި ބަދަލު ގެންނަންޖެހޭ ކަންތައްތަކެއް،" އިބޫ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ގާނޫނު އަސާސީ ތަސްދީގު ކުރުމަށްފަހު ފާއިތުވީ ފަސްއަހަރު ދުވަހުގެ ތެރޭގައި އޭގެ ހުރިހާ މާއްދާތަކެއް ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ. އެގޮތުން ކޯޓުތަކާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ގުޅުން ހުރި މާއްދާތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު ވެރިކަން ހިންގާ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމުތޯ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ފުރަތަމަ މާއްދާއިން ފެށިގެން ގޮސް ނިމެންދެން ހުރި ހުރިހާ މާއްދާއެއް މިހާރު ވަނީ ޕްރެކްޓިސް ކުރެވިފައި. އޭގެ ތެރޭގައި ބަދަލު ގެންނަންޖެހޭ މާއްދާތަކެއް އެބަހުރި. ޖުޑިޝަރީއާއި ޖޭއެސްސީ އާއި ގުޅުން ހުރި މާއްދާތައް އެބަހުރި އިސްލާހު ގެންނަންޖެހިފަ. އޭގެ އިތުރުން ވެރިކަން ހިންގާ ނިޒާމާއި ގުޅޭގޮތުން ވެސް ސުވާލުތަކެއް އެބަހުރި. އަޅުގަނޑުމެން މި ވެރިކަން ހިނގާ ރިޔާސީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމުތޯ އެއީ ވެސް ސުވާލު އުފެދޭ ކަންތައްތަކެއް،" އޭނާ ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް