ފަރަށް އެރި ވިއެޓްނާމް ބޯޓު 508 މިލިއަން ރުފިޔާއިން ޖުރިމަނާ ކޮށްފޮ

ސަމާ އައިލެންޑް ރިސޯޓް (ޒިޔާރަތްފުށި) ކައިރިއަށް ފަރަށް އެރި ވިއެޓްނާމުގެ އާގު ބޯޓް 508.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ.
އެތަނުން ބުނެފައިވަނީ އެފައިސާ އެއްމަސް ތެރޭގައި ސަރުކާރަށް ދައްކަން އެބޯޓުގެ ރާޖޭގެ އެޖެންޓް ހަނީން ޝިޕިންްް އަށް އަންގައިފައިވާނެ ކަމަށެވެ.
މިބޯޓު ޖުރިމަނާ ކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ކަމަށްވެސް "ދުވަސް" އަށްވަނީ މައުލޫމާތު ލިބިފައެވެ. ވިއެޓްނާމް އެމް.ވީ ވިއެޓް ލޯންގް މިހާ ބޮޑު އަދަދަކުން ޖުރިމަނާ ކުރީ ބޯޓު އެރި ފަރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާތީއެވެ.
މިއަދަދުން އެބޯޓު ޖުރިމަނާ ކޮށްފައިވަނީ ބޯޓު އެރި ފަރަށް ލިބުނު ގެއްލުން ބެލުމަށްފަހު އެންވިރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުށަހަޅާފައިވާ ރިޕޯޓުގެ މައްޗަށް ބެލުމަށްފަހުއެވެ. އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ފެތޭ އުޅަނދާއި، އުރޭ އުޅަނދާ ބެހޭ ގާނޫނުގެ ދަށުން ޖުރިމަނާ ކުރެވެނީ ފަރަށް ލިބޭ ގެއްލުމުގެ މައްޗަށް ބިނާ ކޮށްފައި ކަމަށެވެ.
ނަޢީމް ވިދާޅުވީ ބޯޓު އެރިފަރުގެ ވަރަށް ބޮޑުބަޔަކަށް ވަނީ ގެއްލުންވެފައި ކަމަށެވެ. އީޕީއޭއިން މިހާރު ގެންދަވަނީ ބޯޓުން ކަނޑަށް ތެޔޮބޭރުވެފައިވާ ސަރަހައްދުގެ ބޮޑުމިން ބަލަމުންނެވެ. އެތަން ބެލުމަށްފަހު "އެސެސްމެންޓް ރިޕޯޓް" ހުށަހެޅުމުން ކަނޑަށް ތެޔޮ ލީކުވުމުން ލިބިފައިވާ ގެއްލުމަށް ބަލައި އެކަށީގެންވާ އަދަދަކުން އެބޯޓު ޖުުރިމަނާ ކުރާނެ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ފަސްސަތޭކަ ޓަނުގެ މި ބޯޓު ރާއްޖެއައީ ސަމާ އައިލެންޑަށް މުދާ ހިފައިގެންނެނެވެ. އެބޯޓު ފުންކުރުމުގެ ތެރޭގައި ބަނޑުފިލާ ފަޅައިގެންގޮސް ދިޔަވެ ވަނީ އަޑިއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު