އިގްތިސާދީ ސަރަހައްދުތައް ކަނޑައަޅާ ބިލާމެދު އެމްޑީޕީގެ ކަންބޮޑުވުންތަކަށް ބަލާނަން: މުގައްރިރު

image ޚަލީލް

އިގްތިސާދީ ސަރަހައްދުތައް ކަނޑައެޅުމުގެ ބިލަށް މިޓީ މަރުހަލާގައި ބަހުސް ކުރާއިރު އެބިލާމެދު އެމްޑީޕީގެ ކަންބޮޑުވުންތަކަށް ބައްލަވާނެ ކަމަށް އިގްތިސާދީ ކޮމިޓީގެ މުގައްރިރު ނިލަންދޫ ދާއިރާގެ ޕީޕީއެމް މެންބަރު ޢަބްދު ﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެމްޑީޕީއަކީ "ނިޒާމުން ބޭރުގައި" އޮތް ޕާޓީއެއް ނޫންކަމަށެވެ. އެހެންކަމުން އެޕާޓީގެ މެންބަރުންގެ ކަންބޮޑުވުންތަކަށް ކޮމިޓީގެ މަރުހަލާގައި "ރިޢާޔަތް" ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލާމެދު އެމްޑީޕީގެ ކަންބޮޑުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތަކާ ފުށުނާރާ ކަންކަން ކަމަށްވާނަމަ އެކަންކަމަށް ބަހުސްކޮށް ގޮތަކަށް ނިންމާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިބިލަކީ ކޮންމެހެންވެސް ފާސްކުރަންޖެހޭ މުހިންމު ބިލެއް ކަމަށެވެ. މަޖިލީހުގެ އިއްތިފާގުން މިބިލް ފާސްކުރެވިއްޖެ ކަމަށްވާނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ މެންބަރުންނަވެސް އެނގޭނެ މިބިލުގެ ފައިދާ. އެހެންވީމާ އެޕާޓީންވެސް ކޮމިޓީ ސްޓޭޖުގައި ވާހަކަ ދައްކައިގެން ޚިޔާލު އެއްގޮތް ކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް،" ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިލް ފާސްކުރުމަށް ޕީޕީއެމްއާއި، އެމްޑީއޭގެ މެންބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޖޭޕީންވެސް އެބިލުގައި މައިގަނޑު އަސާސް ތަކަށް ތާއިދު ކުރާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޖޭޕީގެ ބައެއް ކަންބޮޑުވުންތައް ހުރުމުން އެއީވެސް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލް ވިދާާޅުވީ މި ބިލްގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން ބޭރުގެ އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ސަރަހައްދު ތަކެއް ހުޅުވާލުމުން އެމީހުން "އިންވެސްޓް ކުރާހިތުން ކުރާނެ" ކަމަށެވެ. އަދި އޭގެ ސަބަބުން ވަޒީފާގެ ފުރުސަތު ފުޅާވެ އާމްދަނީ ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރު ވާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިބިލުގެ ސަބަބުން ރާއްޖޭގައި ބޭރުގެ އިތުރު ބޭންކުތަކުން އިންވެސްޓް ކުރާނެ ކަމުގެ އުންމީދުވެސް ވަރަށް ބޮޑު ކަމަށެވެ.

މީގެ އިތުރަށް މާލެއާ އެއްފެންވަރަކަށް ރަށްރަށް ނުވަތަ އަތޮޅުތައް ތަރައްގީ ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިބިލްގެ ސަބަބުން ޓްރާންޝިޕްމަންޓް ބަނދަރާއި، ބަންކަރު (ކެނެލް) އެޅުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު ހުޅުވޭނެއެވެ.

ރާއްޖެއަކީ މުދާއުފުލާ އާގުބޯޓު ފަހަރު ދަތުރުކުރާ މަންޒިލަކަށްވުމުން މިފަދަ ވަސީލަތްތައް ގާއިމްވުމުން ރާއްޖެއަށް ލިބޭނެ އިގްތިސާދީ ކުރިއެރުމާއި، ތަރައްގީ ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް މިހެން ވިދާޅުވި ކަމަށްވިޔަސް އެމްޑީޕީން ގެންދަނީ މިބިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement