ޖޭއެސްސީ އަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ: ރޮޒޭނާ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ހުކުރު ވިލޭރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޖޭއެސްސީން ބަލަން ޖެހޭނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ކަމަށެވެ. އެހެންްކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑޯއެއް ކަމަށް ތުހުމަތުކުރެވުނު ވީޑިއޯގެ މައްސަލަ ބެލުމުގެ އިހްތިޔާރު އެ ކޮމިޝަނަށް ލިބިގެން ނުވާކަމަށް ވިދާޅުވިއެވެ.
"އެ ނަޒަރުން ބަލާއިރުގައި ޖޭއެސްސީއަށް ކްރިމިނަލް އިންވެސްޓިގޭޝަނެއް ނުހިންގޭނެ. ކްރިމިނަލް އިންވެސްޓިގޭޝަން ހިންގަން ޖެހޭނީ ފުލުހުން. ޖުޑީޝަރީން ބަލާނީ އޭނާގެ (އަލީ ހަމީދުގެ) ސުލޫކީ މައްސަލަތައް. އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އޭނާކަަން ސާބިތެއް ނުވެއޭ ވިދާޅުވެފައި، ވަރަށް ފަސޭހަ ގޮތަކަށް ނިންމަލިތަން،" ރޮޒޭނާ ވިދާޅުވިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން އަލީ ހަމީދުގެ މައްސަލަ ނިންމުމުގައި ބަލަން ޖެހޭ މިންވަރަށް ނުބަލާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. ނަމަވެސް އިސްލާމީ އުސޫލަކުން ބަލައިފިނަމަ ފަނޑިޔާރުން ވާން ޖެހޭނީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ބަޔަކަށް ކަމަށްވެސް ވިދާޅުވިއެވެ.
"ހަގީގަތުގައި މި ވިދާޅުވަނީ އަލީ ހަމީދުގެ ވީޑިއޯގައި އެއީ އަލީ ހަމީދުކަމަށް އެ ބޭފުޅުންނަކަށް ކަށަވަރެއް ނުވޭ. އަޅުގަނޑުގެ ސުވާލަކީ އެ ބޭފުޅުންނަށް އެއީ އަލީ ހަމީދު ނޫންކަން ކަށަވަރުވޭތޯ އޭ؟ އިސްލާމު ދީނުގައި ފަނޑިޔާރުންގެ ގޮތުގައި ތިބެންޖެހެނީ ރައްޔިތުން އިތުބާރުކުރާ ނަމޫނާބައެއް. ރައްޔިތުން އެމީހުންނާ ދޭތެރެގައި އެއްވެސް މިންވަރަކަށް ޝައްކުގެ ނަޒަރަކުން ދެކޭމީހަކު ހުރެގެން ނުވާނެ."
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުން މަޖިލީހަށް އެމްޑީޕީން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަންގާރަ ދުވަހު ބޭރުކޮށްލާފައެވެ. ރޮޒޭނާ ވިދާޅުވީ ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ ޕީޕީއެމާއި އެ ކޯލިޝަނުގެ ޕާޓީތަކުން ޖުޑީޝަރީ އިސްލާހުކުރަން ބޭނުން ނުވާކަމަށެވެ.
އެހެން ނަމަވެސް އެއީ މަޖިލީހުގެ މެމްބަރުންގެ "ކޮނޑުގައި އެޅިފައި އޮންނަ ޒިންމާއެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޖުޑިޝަރީ އިސްލާހު ކުރުމާ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތު އަޅުގަނޑުމެންގެ ކޮނޑުގައި އޮންނައިރު އެދުވަހު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރައްޔިތުން މަޖިލީހުގެ މެމްބަރުން އެކަމަށް އިންކާރުކުރެއްވިތަން."
މަޖިލީހުގެ ތަޅުމުން މައްސަލަ ބޭރުކޮށްލިކަމުގައި ވިއަސް އަނެއްކާވެސް އެމްޑީޕީން އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު