އުމަރު ނަސީރާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދުވެސް ކެންސަލްވެއްޖެ
ހޯމް މިނިސްޓަރ އުމަރު ނަސީރުގެ މައްޗަށްކުރާ ދަޢުވާ، މިއަދު މެންދުރު ބާރަގަޑި ސުންމިނެޓަށް ތާވަލްކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދުގެ ޝަރީއަތް ކެންސަލްކުރަންޖެހުނީ، އުމަރުގެ މައްސަލަބަލަވާ ގާޒީ އަބްދުﷲ ދީދީގެ ބަދަލުގައި އެ މައްސަލަ ބެއްލެވުމަށް އެހެން ގާޒީއެއް ހަމަޖައްސައިދިނުމަށް އުމަރުގެ ފަރާތުން އެދިފައިވާތީ އެކަމާމެދު ގޮތެއްނިމިފައިނުވާތީ ކަމަށެވެ.
ގައުމުގެ އަމަން އަމާންކަމަށް ގެއްލުންލިބޭ ފަދަ ގޮތަކަށް 2012 ވަނަ އަހަރު އުމަރު ވާހަކަ ދެއްކެވިކަމަށްބުނެ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަކީ، ދިވެހި ދައުލަތުގެ ވަޒީރެއްގެ މައްޗަށް ހިންގާ ފުރަތަމަ ޖިނާއީ ޝަރީއަތެވެ. މިއަދު ބާއްވަން ހަމަޖައްސާފައި އޮތީ އެ ޝަރީއަތުގެ ފަހު އަޑުއެހުމެވެ.
މައްސަލަ ބަލާ ގާޒީ ބަދަލު ކުރުމަށްއެދި ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ފަރާތުން ރާއްޖޭގެ އުއްތަމަ ފަޑިޔާރަށާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދަށް ފޮނުވާފައިވާއިރު، ސަރުކާރު ހިންގާ ކޯލީޝަނުގައި ހިމެނޭ އެމްޑީއޭގެ ލީޑަރު، އަދި މީދޫ ދާއިރާގެ މެންބަރު އަހްމަސު ސިޔާމު މުހައްމަދު ގެ ދަބަހުން ރާފުޅިއެއް ފެނުނުކަމަށްބުނާ މައްސަލައިގައި، އެ މަސަލަ ބަލަމުންދިޔަ ގާޒީ، ސިޔާމުގެ އެދުމުގެމަތިން ވަނީ ބަދަލުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އުމަރުގެ މައްޗަށް ކުރާ ޝަރީއަތް އެހެން ދުވަހަކަށް ތާވަލް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު