ނުވަލައްކަ ރުފިޔާގެ މަސްތުވާތަކެއްޗާއެކު އަތުލިމީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފި
ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެއްޗާއެކު 2014 ޖޫން 23 ވަނަ ދުވަހު ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ދިޔައި މިމަހުގެ 29 ވަނަ ދުވަހުއެވެ. ކޯޓުން ނިންމީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދިނުމަށެވެ. އެ ދެ މީހުންގެ ބަންދަށް ކޯޓުން ކުރިންވަނީ 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަކީވެސް ދިވެހިންނެވެ. މި މީހުންގެ ތެރެއިން 31 އަހަރުގެ މީހަކީ 2011 ވަނަ އަހަރު ޑިސެމްބަރު މަހުތެރޭ ދަފީނާ ބިލްޑިންގގެ 5 ވަނަ ފަންގިފިލާގައި ހުންނަ އޮފީހަކުން 2 ތިޖޫރިއާއެކު ފައިސާއާއި ލިޔެކިޔުންތަކެއް ވަގަށްނެތި މައްސަލައެއްގެ ރެކޯޑް އޮންނަ މީހެކެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ދެ މީހުން ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 2014 ޖޫން 23 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުލެއިން މާލެ އައި ވަގުތު، މާލެ ހުޅުލެ ފެރީ ޓާރމިނަލް ކައިރިންނެވެ.އޭގެ އިތުރުން، އެ މީހުން ދިރިއުޅޭ ތަން 2014 ޖޫން 23 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ލިޔެކިޔުންތައް ފެނިފައިވެއެވެ. މިހާތަނަށް ބެލިބެލުމުން ނުވަަ ލައްކަަ ރުފިޔާގެ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ވައިގެމަގުން ކަމަށް ވަނީ ބެލެވިފައެވެ.
މަސްތުވާތަކެތީގެ މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު