ފުވައްމުލަކަށް ހޮނު އަޅައި ކަރަންޓު ވައިރުތައް އަނދައިފި
ރޭ ފަތިހުގެ ފުވައްމުލަކަށް ހޮނުުއަޅައި އެރަށު ފުނާޑު އަވަށުގެ ކަރަންޓު ވައިރުތައް އަނދައިފިއެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާޙް ޝަރީފް ވިދާޅުވީ ހޮނު އެޅުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ފުވައްމުލަކުގެ ފުނާޑު އަވަށަށް ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ހޮނު އެޅުމުގެ ސަބަބުން އެ އަވަށުގެ ބައެއް ސަރަހައްދުތަކުގެ ކަރަންޓު ވައިރުތައް ވަނީ އަނދާ ހުލިވެފައެވެ. އަދި އެ އަވަށުގެ ކަރަންޓު ވެސް ކެނޑިފައިއެވެ.
"ފުނާޑަށް އެންމެ ގަދަޔަށް ހޮނުގެ އަސަރު ކުރީ. އަޅުގަނޑުމެން އެމްއެންޑީއެފް އާއި ގުޅިގެން ބަލަމުން މި ގެންދަނީ ލިބިފައިވާ ގެއްލުންތައް. އިތުރު ތަފްސީލެއް އެރުވޭނީ ބަލައި ނިމުމުން،" ފަލާހު ވިދާޅުވިއެވެ.
ފުނާޑުގެ އިތުރުން ބައެއް އެހެން ސަރުހައްދުތަކަށް ވެސް ގެއްލުން ވެފައިވާނެކަމަށް އޭނާ ލަފާކުރެއްވިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވީ ސިފައިން ގެންދަނީ ފުވައްމުލަކުގައި ހަރަކާތްތެރި ވަމުންކަމަށެވެ. އަދި ލިބިފައިވާ ގެއްލުންތަކުގެ މައުލޫމާތު ހާމަ ކުރެވޭނީ ސިފައިންގެ އޮޕަރޭޝަން ނިމުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިސް މިޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ވިއްސާރަ ވިލާ އުފެދިފައިވާކަމަށެވެ. މިއަދާއި މަދަމާވެސް އެ ސަރަހައްދަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް އެ ސާވިސްއިން ބުންޏެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްރަށް އުދަ އަރާފައި ވެސް ވެއެވެ. މިގޮތުން ކޮޅުމަޑުލު ތިމަރަފުށީ އެއާޕޯޓަށް އުދަ އެރުމުގެ ސަބަބުން އެ އެއާޕޯޓުގެ ހިދުމަތްވަނީ މެދުކަނޑާލަން ޖެހިފައިއެވެ. އަދި ހުވަދު އަތޮޅު ދެކުނު ބުރީ ފަރެސް މާތޮޑާއަށް އުދައެރުމުގެ ސަބަބުން އެރަށު ސްކޫލުތައް ބަންދުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު