އިގްތިސާދީ ހާއްސަ ސަރަހައްދުތަކާ ބެހޭ ބިލުގެ ސަބަބުން މިނިވަންކަން ގެއްލިދާނެ
އިގްތިސާދީ ހާއްސަ ސަރަހައްދުތަކާ ބެހޭ ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިދާނެކަމަށް އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭ ޗާންދަނީ މަގުގައި ހުންނަ ދިރާގު ކަންމަތީގައި މިރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިކޮނޮމިކް ޒޯންތަކުގެ ބިލު އޮތްގޮތުން އެ ޒޯންތަކުގެ ބާރު ދިވެހި ސަރުކާރުގެ އަތްދަށުން ގެއްލިގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ބިލު ތަސްދީގުކޮށްފި ނަމަ "އިންގިރޭސިންގެ އަތްދަށުގައި ރާއްޖެ" އޮތް އިރު ލިބުނު މިންވަރަށް ވެސް މިނިވަންކަން ނޯންނާނެކަމަށެވެ. "އިކޮނޮމިކް ޒޯނޭ ވިދާޅުވެ ހުށަހަޅާފައިވާ ބިލުގައި އިނގިރޭސި ސަރުކާރުގެ ދަށުގައި އައްޑޫ ގަން އޮތްއިރުގައި ދިވެހި ސަރުކާރަށް އޮތް މިނިވަންކަންވެސް މާ ބޮޑު. އެ ބިލުން ސަރުކާރުގެ މިނިވަންކަން ގެއްލޭ. އަޑުއެހިން ސޯފާ އެގްރީމަންޓެއްގެ ވާހަކަ. މިއަދު އެބައިވޭ އެ ބިލުން އެ އެގްރީމަންޓާ ނުލާ އެ އެގްރީމަންޓުގައި ބުނާ ހުރިހާ ހައްގުތަކެއް އެފަދަ ޒޯނެއް ނަގާ ބައެކަށް ލިބޭނެކަމަށް." ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރާކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ކުރަނީ ރާއްޖެއަށް ކަޅު ފައިސާ ވެއްދުމަށް ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން އެދެނީ އެމީހުން ކުރާ މަސައްކަތުން ލިބޭ ހަލާލު ފައިސާ ހޯދުމަށްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެންގެ ރައްޔިތުންގެ ތަރައްގީއަށް ކުރެވެންހުރި އެއްވެސް ކަމެއްނުކުރޭ. އެހެން ނަމަވެސް އެބޭފުޅުންގެ ކަޅު ފައިސާ ނެރުމަށް. ވަގުވިޔަފާރިކުރުމަށް ނާޖާއިޒު އެންމެހާ ކަންކަން ކުރުމަށް ފަހިކުރުމުގެ ގޮތުން ގާނޫނުހަދާ މަޖިލީހަށް ބިލުލާ އަދި އެކަމާއި ގުޅޭގޮތުން އަވަދިނެތި އުޅެންފެށީމާ ދިވެހިގެ ހިއްތަކުގައި ސުވާލުއުފެދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ހައްގުތަކަށް އަޅާނުލައި "ބޮލާ ޖަހާއިރު" އެކަމަށް އަޅާނުލައި ނުތިބެވޭނެކެމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމާއި ދެކޮޅަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކޮންމެ ރެއަކުވެސް ނުކުންނާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިންނަށް ހައްގުމިންވަރު ހޯދާދެވެން އޮތްއިރު އެ ހައްގުމިންވަރާ އަޅާނުލާ ދިވެހިންގެ ބޭނުންތައް ބޮލާލާ ޖަހުމީ ދިވެހި ރައްޔިތުންގެ ޕާޓީން ގަބޫލުކޮށްގެން ތިބޭނެކަމެއް ނޫން. އަޅުގަނޑުމެން ކޮންމެ ރެއަކުވެސް ނުކުންނާނަން. އަބަދުވެސް އަޅުގަނޑުމެންގެ މަސައްކަތަކީ ދިވެހި ރައްޔިތުންގެ މަސައްކަތް." ރައްޔިތުން އެދެނީ އަސާސީ ހިދުމަތްތައް ފުއްދައިދިނުމަށްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން މިއަދު އެދެނީ ބޯހިޔާވަހިކަމަށް. ރަނގަޅު ބޭސްފަރުވާއަށް. ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް. އެއްރަށުން އަނެއްރަށް ދެވޭނެގޮތަކަށް. އަޅުގަނޑުމެން ރައްޔިތުން މިއެދެނީ ވަޒީފާގެ ފުރުސަތަކަށް."
ރައީސް ޔާމީނުގެ ސިޔާސަތު ތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދާނެކަމަށް ވިދާޅުވެ ސަރުކާރު ވަޒީފާތައް ދެނީ ގާތްތިމާގެ ބޭފުޅުންނަކަމަށެވެ.
"ނުވަދިހަ ހަތަރުހާސް ވަޒީފާ ހައްދަވާ ދެއްވާނަމޭ ވިދާޅުވެ. އަޅުގަނޑުމެންނަށް މިފެންނަނީ ރައީސް ޔާމީނުގެ އާއިލީ ބޭފުޅުންނަށް ވަޒީފާ ދެއްވާ މަންޒަރު. އަޅުގަނޑުމެން މި ރާއްޖޭގައި އާއިލީ ވެރިކަން ހިނގުމަކަށް ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެން އެންމެފުރަތަމަވެސް ނުކުތީ އާއިލީ ވެރިކަމާއި ދެކޮޅަށް."
މިރޭ އެމްޑީޕީގެ އެއްވުމުގައި އެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި، އެ ޕާޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެއްވުން ނިންމާލީ އެމްޑީޕީން ސިލްސިލާކޮށް އެއްވުންތައް ބާއްވާނެކަން އިއުލާނުކުރުމަށްފަހު އެވެ. މިރޭގެ އެއްވުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު