މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްރަށް މިއަދު ވެސް އުދައަރަނީ
މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްރަށަށް މިއަދުވެސް އުދައަރަމުން އަންނަކަމަށް "ދުވަސް" ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ކޮޅުމަޑުލު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ އަތޮޅު ތިމަރަފުށްޓާއި، އޮމަދުއާއި، ގުރައިދުއަށް އުދަ އަރަމުން އަންނަކަމުގެ މައުލޫމާތުއެ އެ ކައުންސިލަށް ލިބިފައިވާކަމަށެވެ.
"ތިމަރަފުއްޓަށް ވަނީ އިއްޔެވެސް އަދި ރޭވެސް އުދައަރާފައި. އޮމަދުއަށް ވެސް 600 ފޫޓަށް އުދަ އަރާފައިވާކަމަށް މައުލޫމާތުލިބޭ. ގުރައިދޫގެ ގެއަކަށް ވެސް ވެސް އުދަ އެރުމުގެ ސަބަބުން ލޮނުފެންވަދެފައި،" ޝަރީފް ވިދާޅުވިއެވެ.
އިއްޔެ ވެސް ތިމަރަފުއްޓަށް އުދައެރުމުގެ ސަބަބުން އެރަށުގެ އެއާޕޯޓު ވަނީ ބަންދުކުރަންޖެހިފައިއެވެ. އެއާޕޯޓުގެ ރަންވޭ މައްޗަށް އަރާފައިވާ ދޮންވިލިތަކާއި ކުނި ސާފުކުރަމުން ދަނިކޮށް އަނެއްކާވެސް އެރަށަށް ވަނީ އުދައަރަން ފަށައިފައިއެވެ. މިހެންކަމުން މިއަދު ހެނދުނުގެ ފްލައިޓްތައް ވެސް ވަނީ ކެންސަލްކުރަން ޖެހިފައިއެވެ.
އުދައިގެ އަސަރު ދެން އެންމެ ބޮޑަށް ކޮށްފައިވަނީ ހުވަދު އަތޮޅު ދެކުނުބުރިއަށެވެ. އެ އަތޮޅު ފަރެސް މާތޮޑާއަށް މިއަދުވެސް ވަނީ އުދަ އަރާފައެވެ. އެހެން ނަމަވެސް މިއަދު އުދައަރަމުން އަންނަ މިންވަރު އިއްޔެއާއި އަޅާބަލާއިރު ކުޑަ ކަމަށް ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަބްދުﷲ ސައީދު ވަނީ ވިދާޅުވެފައެވެ. އިއްޔެ މެންދު ފަހުގެ ކިޔެވުން ބަންދުކޮށްފައި އޮތް ނަމަވެސް މިއަދު ސްކޫލުތައް ވެސް ހުޅުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ އަތޮޅު ރަތަފަންދޫއަށް އިއްޔެ ވެސް އަދި މިއަދު ވެސް ވަނީ އުދަ އަރާފައެވެ. އެހެން ނަމަވެސް މިއަދު އެރަށް ވެސް އުދަ އެރި މިންވަރު އިއްޔެއަށްވުރެ ކުޑަކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ އައްޑުއަށް ކޮންމެވެސް މިންވަރަކަށް އުދައިގެ އަސަރު ކުރަމުން އަންނަކަމަށެވެ. އެެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އުދައަރައިގެން އެއްވެސް ރިޕޯޓެއް އަދި މިހާތަނަށް ކޮށްފައިނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު