ތިމަރަފުށްޓަށް އަނެއްކާވެސް ރާޅު އަރަން ފަށައިފި

ކައުންސިލުންދަނީ ލިބުނު ގެއްލުން ބެލުމަށް ގޭގެއަށް ދާން ތައްޔާރުވަމުން
image އިއްޔެ އެރިއުދައިގައި ތިމަރަށްފުށީ އޭއާޕޯޓު "ކުނިފައި"

ކޮޅުމަޑުލު ތިމަރަފުށްޓަށް އަނެއްކާވެސް ބޮޑުރާޅު އަރަން ފަށައިފިއެވެ. އެރަށު ކައުންސިލްގެ ރައީސް ހުސައިން ޝަރީފް ދެންމެ ވިދާޅުވީ ރާޅު އަރަން ފަށައިފައިވަނީ މިރޭ ދަންވަރު 2.30 އެހައިކަންހާ އިރު ކަމަށެވެ.

މިހާރު މުޅި އެރަށަށް ރާޅުއަރަމުންދާ ކަމަށް ޙުސައިން ވިދާޅުވިއެވެ. "މި ހާރު މުޅިރަށަށް ކަހަލަ ގޮތަކަށް ރާޅު އެބައަރާ. ބައެއްގޭގެ ގޯތިތަކުގެ ތެރެއަށްވެސް ދިޔަގަނޑުވަނީ ވަދެފައި. ބައެއްގޭގޭގެ ދޮރާށީގައިވަނީ ވެލިބަސްތާތައްވެސް ޖަހައިފައި،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަލާމަތީ ގޮތުން ވެލިބަސްތާ ޖަހަން ބަލާއިރު އެކަށީގެންވާ ވަރަކަށް ގޯންޏެއްވެސް އެރަށުން ލިބެން ނެތްކަމަށެވެ. އެހެންވެ ގޯންޏާއި، ދިޔަހިއްކާ ޕަންޕު ބޭނުންވާ ކަމަށް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުގައި އެދިފައިވާނެ ކަމަށެވެ. "އެތަނުން ބުނީ ވީހާވެސް އަވަހަށް އެހީތެރިކަން ފޯރުކޮށް ދޭނެކަމަށް. ހެނދުނު ހެނދުނާ އެސާމާނު ލިބޭނެ ކަމަށް އެތަނުން ބުނީ،" ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ އުދައެރި ސަރަހައްދު ތަކުގެ ގޭގެއަށް ގޮސް އެގެތަކުގެ މީހުންނަށް ގޮވައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އަންގާފައިވާނެ ކަމަށެވެ. މިހާރު ކައުންސިލުގެ މެންބަރުން ތައްޔާރު ވަމުން ގެންދަނީ ރާޅުއެރުމުގެ ސަބަބުން އެއްވެސް ގެއަކަށް ގެއްލުން ލިބިފައިވޭތޯ ބެލުމަށް ގޭގެއަށް ޒިޔާރަތް ކުރަން ކަމަށެވެ.

"ގޭގެއަށް ނުގޮސް ލިބިފައިވާ ގެއްލުމަކާއި، ގެއްލުން ލިބުނު ސާމާނުގެ އެއްވެސް ތަފްސީލެއް ނޭނގޭނެ. އެހެންވެ ކައުންސިލުން ތައްޔާރު ވަމުން މިދަނީ ގޭގެއަށް ގޮސް ރައްޔިތުންގެ ހާލު ބަލައި ރާޅު އެރުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން،" އޭނާ ވިދާޅުވިއެވެ.

ތިމަރަފުށްޓަށް ރާޅުއެރުމުން ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރާއި، ސިފައިންގެ އެހީތެރި ކަމަށް އެދިފައިވާނެ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. "މިއަދުވެސް މިރޭވެސް އަޅުގަނޑުވާނީ އެތަންތަނުގެ އެހީތެރިކަން ބޭނުންވާ ވާހަކަ ދަންނަވާފައި. އެހީތެރިކަން ލިބޭނެ ކަމަށްވެސް އެތަންތަނުންވަނީ ބުނެފައި. ނަމަވެސް އަދި އެހީއެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

އިއްޔެވެސް އެރަށަށްވަނީ ބޮޑުރާޅު އަރައިފައެވެ. ނަމަވެސް މިހާރު އެރިވަރާ ގާތަށްވެސް އިއްޔެ އަރައިފައިނުވެއެވެ. އިއްޔެ އެންމެ ބޮޑަށް ބޮޑުރާޅުގެ އަސަރު ކޮށްފައިވަނީ އެއާޕޯޓުގެ ރަންވޭއަށެވެ.

"އެއާޕޯޓު ރަންވޭއަށް މިހާރު އަރަމުންދާ ރާޅުން އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އެނގިފައެއްނެތް. ނަމަވެސް ރަށުތެރެއަށް މިހާ ބޮޑަށް އަރާއިރު އެއާޕޯޓުގެ ރަންވޭއަށް އިއްޔެއަށްވުރެ ބޮޑަށް އުދައަރާނެ ކަމަށް މިރަށުގެ އެންމެންވެސް ގަބޫލު ކުރަނީ،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއާޕޯޓަކީ ކައުންސިލާ "ބެހޭތަނަކަށް" ނުވިޔަސް އެތަން ހިމާޔަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އެރަށުގެ ރައްޔިތުންތިބީ ތައްޔާރަށް ކަމަށެވެ. 

އެއާޕޯޓުގައިހުރި މީހަކު ދެންމެ ބުނީ ރާޅުއަރަން ފެށީ އިއްޔެ އެރިރާޅާއެކު ރަންވޭއަށް އަރައިފައިވާ ކުންޏާއި، ވެލި ސާފުކުރުމުގެ މަސައްކަތް ނުނިމިގެން އުޅެނިކޮށް ކަމަށެވެ.

"މިހާރު ރަންވޭގެ ތިންބައިކުޅަ ދެބަޔަށްވަނީ ރާޅުއަރައިފައި. މުޅިރަންވޭ މަތީގައި ދޮންވެލިގަނޑުވަނީ ފެތުރިފައި. ހެނދުނަށް ތާވަލް ކޮށްފައިވާ ބޯޓުފަހަރުވެސް ޖެހޭނީ ކެންސަލް ކުރަން. އެހާ ބޮޑަށްވަނީ ރާޅު އަރާފައި،" އެމީހާ ބުންޏެވެ.

ކައުންސިލްގެ ރައީސް ދެންމެ ވިދާޅުވީ ގޭގެއަށް މާބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ. ފުލުހުންވަނީ ބައެއް ގޭގެއަށް ޒިޔާރަތް ކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ ކައުންސިލުން ގޭގެއަށް ގޮސް ރިޕޯޓު ނަގާނީ ހެނދުނު. ރަށުތެރެއަށް އަރާފައިވާ ކުނިވެސް ހެނދުނު ސާފު ކޮށްލާ ގޮތަށް މިރާވަނީ،" ހުސައިން ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާޅު އެރިވަގުތު ރަށުތެރޭގެ ބައެއް ހިސާބުގައި 4 ފޫޓަށްވެސް ލޮނުގަނޑު ބޮޑުވި ކަމަށެވެ. ނަމަވެސް މިހާރު މަޑުމަޑުން ހިނދެމުންދާ ކަމަށެވެ. "ދިޔަވަރު ހިކެން ފެށުމުން ރާޅު އެރުން ވަނީ މިވަގުތަށް ހުއްޓިފައި. ދެން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައި ތައްޔާރުވާންވީ މެންދުރަށް،" އޭނާ ވިދާޅުވިއެވެ.

އިއްޔެވެސްވަނީ ތިމަރަފުށީގެ އިތުރަށް، ގދ. ފަރެސް މާތޮޑާއާއި، ރަތަފަންދުއާއި، އައްޑޫގެ ބައެއް ރަށްރަށަށް އުދައަރައިފައެވެ.މެޓް އޮފީހުންވަނީ ކުރިއަށްއޮތް ދެދުވަހުވެސް އުދައަރާނެ ކަމުގެ އިންޒާރުދީފައެވެ. އަދި ރައްޔިތުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށްވެސް ވަނީ ނަސޭހަތް ދެއްވާފައެވެ.

ރާޅުއަރައިފާނެތީ ބައެއް ރަށްރަށުގެ މީހުން މިހާރުވެސް ނުނިދާ ހޭލައިތިބި ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް