ފަރެސް މާތޮޑާއަށް އުދައަރާތީ ސްކޫލް ކިޔެވުން މެދުކަނޑައިލައިފި

image ފަރެސް މާތޮޑާ: ފޮޓޯ ފޭސް ބުކް

ހުވަދު އަތޮޅު ދެކުނުބުރީ ފަރެސް މާތޮޑާއަށް މެންދުރުން ފެށިގެން އުދަ އަރަމުންދާތީ އެރަށުގެ ސްކޫލް (ހުވަދޫ ސްކޫލް) ގެ މެންދުރުފަހު ދަންފަޅީގެ ކިޔެވުން މެދުކަނޑައި ލައިފިއެވެ.

ހުވަދޫ ސްކޫލް ޓީޗަރަކު ބުނީ މެންދުރު ފަހުގެކިޔެވުން ބަންދު ކުރިނަމަވެސް ސްކޫލާ ހަމައަށް އަދި އުދައިގެ އަސަރު ކޮށްފައި ނުވާކަމަށެވެ. ނަމަވެސް ކިޔެވުން މެދުކަނޑައިލީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.

ފަރެސް މާތޮޑާއިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އުދައަރަން ފަށައިފައިވަނީ މިއަދު މެންދުރު 12.30 އެހައިކަންހާ އިރުން ފެށިގެންނެވެ. އެރަށު ހުޅަނގު ފަރާތުން ގާތްގަނޑަކަށް 300 ފޫޓަށް ރާޅު އަރާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރުވެސް އުދަ އަރަމުންދާ ކަމަށް އޭނާ ބުންޏެވެ.

އުދަ އަރަން ފެށުމުން ރަށު ކައުންސިލުންވަނީ އަޑުގަދަ ކުރާއިން ރަށުތެރޭގައި ގޮވައި އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.

މިހާދިސާގައި މީހަކަށް އަދި ގެއަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. ނަމަވެސް ލޮނުގެ އަސަރު ކޮށްގެން ގޮވާމުގެ ބާވަތްތަކަށް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފަރެސް މާތޮޑާއަކީ އާންމުކޮށް އުދައަރާ ރަށެކެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރާޅުއަރައި ބޮޑެތި ގެއްލުން އެރަށަށްވަނީ ލިބިފައެވެ. މިއަދު އުދަ މިއެރީ މިފަދަ ކަމެއް ނުހިނގާތާ ދުވަސް ކޮޅަކަށް ފަހު ކަމަށްވެސް އެރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފަރެސް މާތޮޑާއަށް އުދަ އަރަމުންދާ މައްސަލައިގައި އެރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު އަސްއަދު އޭނާގެ ފޭބުކް ޕޭޖުގައި ލިޔެފައިވަނީ "ފަރެސް މާތޮޑާއަށް ބޮޑުރާޅު އަރަމުންދަނީ.. ދޭތެރެދޭތެރެއިން ބޮޑުރާޅު އެރުމަކީ ފަރެސް މާތޮޑާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ބިރުވެރި ކަމަކާއި ގެއްލުމެއް. މިކަން ހައްލު ކުރެއްވުމަށް ސަރުކާރުން ހިންގަވަން ހަމަޖައްސަވައިފައިވާ ޕްރޮޖެކްޓް އަވަސް ކޮށްދެއްވުމަކީ ރަށުގެ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާނެ އުފަލެއް،" ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް