މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވުނު

ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައިގައި މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވެމުން ނިޒާމު ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިނިސްޓަރ އޮފްހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ ޑރ. މުހައްމަދު މުއިއްޒު އާ ސުވާލު ކުރެއްވުމަށެވެ.
ހައުސިން މިނިސްޓަރާ ރޮޒެއިނާ ސުވާލު ކުރައްވަން ފެއްޓެވުމުން މާފަންނު ދެކުނުދާއިރާގެ މެންބަރު އަބުދުﷲ ރިފާޢު ނިޒާމީ މައްސަލައެއް ނަންގަވައި، ރޮޒެއިނާ ކުރައްވަމުން ގެންދެވި ސުވާލު ތަކަކީ ފޯނުންވެސް މިނިސްޓަރާ ކުރެވިދާނެ ސުވާލުތަކެއްކަމަށް ވިދާޅުވިއެެވެ. އަދި މަޖިލީހުގައި އެ ސުވާލުތައް ކުރުމަކީ ވަގުތު ނަގައިލުން ކަމަށްވެސް ވިދާޅުވި އެވެ. މައްސަލަ ހޫނުވެ ޖަލްސާ ނިޒާމީ އޮއިވަރަށް ބަދަލުވީ އެހިސާބުންނެވެ.
ރިފާއުގެ އެވާހަކަތަކާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ފުލުފުލުގައި ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ. އެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވަމުން ގެންދެވީ، މަޖިލީހުގެ ގަވާއިދު ފާސްކުރާތާ ދެހަފްތާގެ ތެރޭގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލާން ޖެހޭކަމަށެވެ. އެކަންނުކޮށް މަޖިލީހުގެ ވަގުތު ބޭކާރު ކުރާވާހަކަ ނުދެއްކޭނެ ކަމަށް އެމެންބަރުން ވިދާޅުވިއެވެ. އަދި ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައިގައި މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ނައްތާ ލުމަށްޓަކައި މަޖިލީހުގެ ރައީސް ޕާޓީތަކާ މަޝްވަރާ ކުރައްވަމުން ނުގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
ނިޒާމީ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް ވިދާޅުވީ ކޮމިޓީތަކުގެ މައްސަލައިގައި މަޖިލީހުގެ ރައީސް ޕާޓީތަކާ މަޝްވަރާ ކުރައްވާފައިނުވާ ކަމަށެވެ. އެމައްސަލައިގައި ނިޒާމީ މައްސަލަ ހޫނުވާން ފެށުމުން ކޮމިޓީތަކުގެ މައްސަލައިގައި، މަޝްވަރާ ކުރުމަށް މަޖިލީހުގެ ރައީސަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުވެސް ގޮވައިލެއްވިއެވެ.
މެންބަރުންގެ ނިޒާމީ މައްސަލަ ކުރިއަށް ގެންދަވައި ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑުވައިލެއްވިއިރު، މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވުމަށް ވަޑައިގެން އިންނެވި މިނިސްޓަރާ މާބޮޑު ސުވާލެއް ކުރެވިފައެއް ނުވެއެވެ.
ނިޒާމު ގެއްލިގެން ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަަސީހު މުޙައްމަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސެވުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީސް ތަމްޞީލް ކުރައްވާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ޖަލްސާ މެދުކަނޑާލެއްވީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު