މެމްބަރު އަލީ މުހައްމަދު ޕީޕީއެމާ ގުޅިވަޑައިގެންފި

އެމްޑީޕީ ޓިކެޓުގައި ރައްޔިތުން މަޖިލީހަށް ހޮވި ވަޑައިގެންނެވި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ޕީޕީއެމާއި ގުޅިވަޑައިގެންފިއެވެ.
އަލީ މުހައްމަދު ޕީޕީއެމާއި ގުޅިވަޑައިގެންނެވިކަން އިއުލާނު ކުރައްވާފައިވަނީ މިއަދުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއެވެ.
އަލީ މުހައްމަދު އިދިކޮޅު އެމްޑީޕީ ދޫކުރައްވައި ވެރިކަންކުރާ ޕީޕީއެމާއި ގުޅިވަޑައިގެންނެވީ ކީއްވެކަމެއް އަދި ސާފެއްނުވެއެެވެ. މިކަމުގައި އޭނާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ނިމިދިޔަ ސަތާރަ ވަނަ މަޖިލީހުގައި އޭނާ ކުރައްވާފައިވަނީ ވެލިދޫ ދާއިރާގެ މެމްބަރުކަމެވެ. އެ މަޖީހަށް އޭނާ ހޮވި ވަޑައިގެންފައިވަނީ ޑީއާރުޕީ ޓިކެޓުގައެވެ. އެހެން ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
މިމަހު 16 ވަނަ ދުވަހު މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރާއި ނޮލިވަރަމް ދާއިރާގެ މެމްބަރު ހަސަން އަރީފް ވެސް ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ. އޭގެ ކުރިން މަޖިލީހަށް އެމްޑީޕީ ޓިކެޓުގައި ހޮވި ވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ. މިހާރު މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރާ 41 މެމެބަރުން އެބަތިއްބެވިއެވެ. އެމްޑީޕީ ތަމްސީލުކުރާ 24 މެމްބަރުން އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު