ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށް އިންޑީއާގެ އެހީބޭނުން: ރައީސް ނަޝީދު
ރާއްޖޭގައި މިހާރު އޮތް ރައީސް ޢަބުދުﷲ ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށް އިންޑިއާއިން އެހީތެރިވެ ދެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުޙައްމަދު ނަޝީދު އެގައުމު ސަރުކާރަށް ގޮވައިލައްވައިފިއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނުކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު އުފެދިފައިވަނީ، ކޮން އުސޫލަކުންކަންވެސް އިންޑިއާ ސަރުކާރަށް އެނގެން ޖެހޭކަމަށެވެ.
އެޖަލްސާގައި ރައީސް ނަޝީދުވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވައްޓާލުމުގައި އެންމެ އަޑީގައި ހުންނެވީ، ކުރީގެ ރައީސް އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ވައްޓާލައިފައިވަނީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިންޑިޔާގެ މައްޗަށް ރުޅިވެރިކަން އުފައްދައިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ޖީއެމްއާރާ އެކު އެމަނިކުފާނުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލީ ގާނޫނާ ޚިލާފަށްކަން އާބިޓްރޭޝަނުންވެސް މިހާރު ނިންމައިފައިވާ ކަމަށެވެ. އެ ނިންމުމާއެކު ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު އަށްސަތޭކަ މިލިއަން ޑޮލަރަށްވުރެ މަދު ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއިން އެފަދަ ބަދަލެއް ދޭންޖެހޭއިރު އިންޑިއާ ސަރުކާރުން އެކަމަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައި ގެންނެވިއެވެ. އެކަމަށް އިންޑިއާއިން ދެވޭނެ އެންމެ ބޮޑު ލުޔަކީވެސް ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމަށް އިންޑިޔާއިން އެހީތެރވެ ދެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖީއެމްއާރު މައްސަލައިގައި ފައިސާ ދައްކަން ޖެހިއްޖެނަމަ އެކަމަށް ދައްކަންޖެހޭ ފައިސާ ދައުލަތުގެ ބަޖެޓްގައި ނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ދައުލަތުގެ ރިޒާވްގައި އެންމެ ސަތޭކަ މިލިޔަން ޑޮލަރުވެސް ނެތް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ސަބަބުން އިގުތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ހުރިހާ ރައްޔިތުން އެކަމަށް ހޭލުންތެރިވެ ތިބުމަށްވެސް ރައީސް ނަޝީދު ރޭ ގޮވައިލެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު