ގަމު ސްކޫލް ބަސް ހަލާކުވުމުން ކައުންސިލްގެ ވެހިކަލެއްގައި ކުދިން އުފުލަން ފަށައިފި
ހައްދުންމަތީ ގަމު މުކުރިމަގާއި، މަތިމަރަދުއާއި ތުނޑީ އަވަށުގެ ކިޔަވާ ކުދިން އުފުލުމަށް އޮންނަ ހަމައެކަނި ބަސް ބުދަ ދުވަހުން ފެށިގެން ހަލާކުވެފައިވާތީ ގަމު ކައުންސިލްގެ ވެހިކަލެއްގައި ކުދިން ސްކޫލަށް އުފުލަން ފަށައިފިއެވެ.
ގަމު ކައުންސިލްގެ ރައީސް އަޙުމަދު ސަލާހު ވިދާޅުވީ ބަހުގެ ޚިދުމަތް އަލުން ފެށުމަށް ކައުންސިލުން ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. ބަހުގެ ދަތުރުތައް ފެށެންދެން ކައުންސިލުން ގެންދަނީ އެތަނުގެ ވޭނުގައި ދަރިވަރުން ސްކޫލަށް އުފުލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސްކޫލް ކުދިންގެ ބެލެނިވެރިން ބުނެފައިވަނީ އެއީ މިވަގުތަށް ދިމާވެފައިވާ ވަރަށް ބޮޑު ދަތިކަމެއް ކަމަށެވެ. ބަސް ދަތުރު ހުއްޓުމުން ވެހިކަލްތައް ނެތް ގެތަކުގެ ކުދިންނަށް މިމައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށްވެސް ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ.
މުކުރިމަގު ސްކޫލް ޕްރިންސިޕަލް މުޙަމަދު ދީދީ ވިދާޅުވީ ބަސް މަރާތު ކުރުމަށްފަހު އަލުން ދަތުރުތައް ފެށުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަސްދަތުރު ވަގުތީ ގޮތުން ހުއްޓާލަން ޖެހުނީ ބަހުގެ މޯޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެކަން ހައްލު ނުކުރެވި ލަސްވަމުން ދަނީ މޯޓަރުގެ މައްސަލަ ޖެހިފައިވާ ބައިތައް ރާއްޖެއިން ލިބެންނެތުމުން ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން އެބައިތައް ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބަހުގެ މަރާމާތަށްފަހު ދަތުރުތައް އަލުން ފެށޭނެ ދުވަހެއް އަދި ދަންނަވަން ދަތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަހުގެ ޚިދުމަތްދެނީ ކޮންމެ މަހަކު ކުއްޖެއްގެ އަތުން 150 ރުފިޔާގެ ފީއެއް ނަގައިގެންނެވެ. އެ ޚިދުމަތް މެދުކެނޑުމުން ޓެކްސީގައި ސްކޫލަށް ގޮސްފައި އައުމަށް ދުވާލަކު މަދުވެގެން 120 ރުފިޔާ ޚަރަދު ކުރަން ޖެހޭ ކަމަށްވެސް ބައެއް ބެލެނިވެރިން މައުލޫމާތު ދިނެވެ.
ގަމުގެ ކިޔަވާ ކުދިން އުފުލާ ބަހަކީ "ރެޑް ކްރޮސް" ޖަމިއްޔާއިން 2008 ވަނަ އަހަރު ގަމު ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ 30 ކުދިންގެ ޖާގައިގެ ބަހެކެވެ. ގަމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބޮޑުރަށެވެ.
ކިޔުންތެރިންގެ ހިޔާލު