ޖީއެމްއާރަށް 1.2 ބިލިއަން ޑޮލަރު ދައްކާކަށް ނުޖެހޭނެ: ބަންޑާރަ ނައިބު
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ޖީއެމްއާރާއިއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމުގެ ބަދަލުގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ދައްކަން ނުޖެހޭނެކަމަށް ބަންޑާރަނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓު ހިންގުމަށް ދިވެހި ސަރުކާރާއި ޖީއެމްއާރާއި ދެމެދުވެފައިވާ އެއްބަސްވުން އުވާލުފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އިއްޔެވަނީ ނިންމައިފައެވެ. މިކަމާއި ގުޅިގެން އަނިލް ވިދާޅުވީ އާބިޓްރޭޝަނުގައި ދިވެހި ސަރުކާރުން ވަކާލާތުކުރީ ޖީއެމްއާރަށް ލިބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައިދިނުމަށް އެދޭ 1.2 ބިލިއަން ޑޮލަރުދިނުމާއި ދެކޮޅަށްކަމަށެވެ. އޭނާވިދާޅުވީ ބަދަލު ދިނުމުގެ މަރުހަލާ ލަސްވަމުން ދިއުމުގެ ސަބަބުން ޖީއެމްއާރުން އެދޭފަދަ ބޮޑު ބަދަލެއް ދޭން ނުޖެހޭނެކަން ޔަގީން ވެއްޖެކަމަށެވެ. އެއީ ރައީސް ޔާމީނުގެ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށްވެސް ގާނޫނީ ވަކީލުންނަށް ހުވައި ލައިދިނުމުގެ ރަސްމިއްޔާތަށްފަހު މާލޭ ޔޫތު ސެންޓަރުގައި ހުންނަވައިގެން އަނިލް ވިދާޅުވިއެވެ.
"އެ އެއްބަސްވުމުގައި އޮންނަ ގޮތުން ބަދަލު ދިނުން ބޮޑަށް މި އޮންނަނީ އެ ފަރާތުން ކޮށްފައި ހުންނަ އިންވެސްޓްމަންޓަށް ބަލައި ބަދަލު ދޭ ގޮތަށް. ރައީސްޔާމީންގެ ސަރުކާރުން ވަކާލާތުކުރެއްވީ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދުމަދުކުރުމަށް. މިހެންކަމުން ސަރުކާރަށް މިވަނީ މިކަމުގައި ކާމިޔާބީ ލިބިފައި. އެހެންނަމަވެސް އަޅުގަނޑުމެން ވަކާލާތުކުރިގޮތަށް އެއްބަސްވުން ބާތިލު ކުރެއްވިއްޖެ ނަމަ ދޭން ޖެހޭ ބަދަލު މިވަނީ ހިފެހެއްޓިފައި. އެހެންވީމާ ޖީއެމްއާރުންދޭން ޖެހޭނެ ކަމަށް މިބުނާ 1.4 ބިލިޔަންޑޮލަރު ދޭން ނުޖެހޭނެކަން ކަށަވަރުވެގެން މިދިޔައީ،" މީޑިއާއަށް މައުލޫމާތުދެއްވަމުން އަނިލް ވިދާޅުވިއެވެ.
ސަރުކާރުން ޖީއެމްއާރަށް ދައްކަންޖެހޭ ބަދަލުގެ މައްސަލައާއި މެދު ގޮތެއް ނިންމާނީ އާބިޓްރޭޝަނުގެ ދެވަނަ މަރުހަލާގައިއެވެ. ދެވަނަ މަރުހަލާ ފަށާނެ މުއްދަތެއް އަދި އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް އަނިލް ވިދާޅުވެފައިވަނީ ދެވަނަ މަރުހަލާ ފެށުމަށް އަހަރެއްހާ ދުވަސް ނަގާނެކަމަށެވެ.
އާބިޓްރޭޝަނުން ނިންމާ ކޮންމެ ގޮތަކަށް ވެސް ދިވެހި ސަރުކާރުން އަމަލުކުރާނެކަމަށް އަނިލް ވިދާޅުވިއެވެ.
"އިންވެސްޓަރުންގެ އިތުބާރު ހިފެހެއްޓުމަށް އާބިޓްރޭޝަނުން ނިންމާގޮތަކަށް ދިވެހި ސަރުކާރުން އިހްތިރާމްް ކުރާނެ. އިންވެސްޓަރުންގެ އިތުބާރު ހިފެހެއްޓުމަކީ ދިވެހި އިގްތިސާދު ތަރައްގީކުރުމަށް މުހިންމުކަމެއް."
ޖީއެމްއާރުގެ އާބިޓްރޭޝަނުން މިއަދު ބުނެފައިވަނީ ޖީއެމްއާރުގެ އެގްރީމަންޓު އުވާލުމަކީ ސިޔާސީ ކަމެއްކަަމަށެވެ. އަދި އެ އެއްބަސްވުމަކީ ގާނޫނީ އެއްބަސްވުމެއް ކަމަށެވެ. އާބިޓްރޭޝަން މަރުހަލާގައި ޖީއެމްއާރު އަތުން ހަރަދުގެ ގޮތުގައި ހޭދަކުރި ހަތަރު މިލިއަންޑޮލަރު 42 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ދިވެހި ސަރުކާރަށްވަނީ އަންގަައިފައެވެ.
ކިޔުންތެރިންގެ ހިޔާލު