ނަރުދަމާއަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް އެދި ގަމު ރައްޔިތުން މުޒާހަރާ ކޮށްފި
ހައްދުންމަތީ ގަމުގައި އަލަށް އާބާދުވާސަރަހައްދުގެ ނަރުދަމާގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ގަމު ރައްޔިތުންމިއަދު މުޒާހަރާ ކޮށްފިއެވެ.
މި މުޒާހަރާގައި ރައްޔިތުން ކައުންސިލަށް ގޮވަމުން ދިޔައީ ނަރުދަމާ ނިޒާމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ. މިއަދު މެންދުރުފަހު އެރަށުގެ ކައުންސިލު ކުރިމަތީގައި ބޭއްވި މުޒާހަރާގައި ގިނައީ އަންހެނުންނެވެ.
"ނަރުދަމާ ނިޒާމަށް މައްސަލަ ދިމާވެފައިވާތާ ދެ އަހަރަށްވުރެ ގިނަވެއްޖެ. އަދިވެސް ހައްލެއް ނާދޭ. މި މަސް ފެށުނު ހިސާބުން ފެށިގެން ޕަންޕުތައް ފަޅައިގެންގޮސް ރަށުތެރެއަށް ނަޖިސް ބޭރުވަމުން ދަނީ. މިކަމަށްވެސް ހައްލެއް ނުގެނެވުނު. އެހެންވެ އަޅުގަނޑުމެން މުޒާހަރާއަށް ނުކުތީ. މުޒާހަރާ ކޮށްގެން ވެސް މައްސަލަ ހައްލުވުން ބޭނުމަކީ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
އެކަމާ ގުޅިގެން ގަމު ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ ރައްޔިތުން ކުރި މުޒާހަރާއަކީ "ހައްގު" މުޒާހަރާއެއް ކަަމަށެވެ. ރައްޔިތުންގެ އެދުންތަކަށް އަމަލީގޮތުން އިޖާބަދޭން ކައުންސިލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފައިސާގެ ދަތިކަމާއި އެހެނިހެން ވަސީލަތްތައް ކައުންސިލުގައި ނެތުމުން ނަރުދަމާގެ މައްސަލަ ހައްލު ކޮށްދެވެން ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ އަޑަކީ ކައުންސިލްގެ ވެސް އަޑު. ނަމަވެސް ރައްޔިތުންގެ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދައިދެވޭނެ ވަސީލަތްތަކެއް ކައުންސިލަކު ނެތް. އެމައްސަލައަށް ހައްލެއް ލިބޭނީ ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަން ލިބިގެން. އަޅުގަނޑުމެން ވާނީ ޕަންޕުތައް މަރާމާތުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އަށް ފޮނުވާފައި. ނަމަވެސް އެ މަސައްކަތް އަވަސްކުރެވޭނީ ސަރުކާރުގެ އެއްބާރުލުން ލިބިގެން،" ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި މައްސަލަ (ނަރުދަމާގެ މައްސަލަ) އެރަށު ކައުންސިލުން ވާނީ ރައީސުލްޖުމްހޫރިޔާއާއި، އެންވަޔަރުމަންޓު މިނިސްޓްރީއާއި، އެންވަޔަރުމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު