ޔާމީން ވެރިކަމަށް ގެނައުމަށް ވިހިމިލިއަން ރުފިޔާ ޚަރަދު ކުރިން -ޤާސިމް

image ޤާސިމް އިބްރާހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. އެމަނިކުފާނު ހުންނެވީ ޕީޕީއެމްއާއެކު މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް

އިންތިޚާބު ތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމަށް ކޯލިޝަން އެއްބަސް ވުމުގައި ބުނެފައިވާތީ އެކަން ކުރުމުގެ ގޮތުން ރާއްޖޭގެ ވެރިކަމަށް އަބްދުﷲ ޔާމީން ގެންނެވުމަށް 20 މިލިއަން ރުފިޔާ ޚަރަދު ކުރެއްވި ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ "ރިޔާސީ އިންތިޚާބަށް ތިންދުވަސް ނުވަތަ ހަތަރުދުވަހަށް ވެފައި އޮއްވާ އަޅުގަނޑު އެބޭފުންނަށް (ޔާމީނަށް) ތާއިދު ކުރަން ނިކުތީ. އަޅުގަނޑު ވިހިމިލިއަން ރުފިޔާ ޚަރަދުކުރިން. އަޅުގަނޑު އަތުގައި އެބަހުރި ހިސާބުތައް އިނގޭތޯ. އޭގެ ތެރެއިން ބައެއް ފައިސާ ރައީސް ޔާމީން ވިދާޅުވެގެން (އޭރުގެ ރިޔާސީ ކެންޑިޑޭޓް) އަދިނާއިބު ރައީސް ވިދާޅުވެގެން އަޅުގަނޑުވަނީ ދީފައި. އަނެއްބައި ފައިސާ ކޯލިޝަން ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޕާޓީ މީހުން ދިމަދިމާއަށް ފޮނުވުމަށް، ވިހިމިލިއަން ރުފިޔާ،" ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ޕީޕީއެމްގެ މެންބަރުންނަށާއި، ރައީސް މައުނާއި، ރައީސް ޔާމީންގެ އަތްޕުޅަށް ވިހިލިއަން ރުފިޔާ އަށްވުރެ މަދުނޫން އަދަދަކަށް ރުފިޔާ ފޮނުވި ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"މިދިޔަ ޕާލަމެންޓް އިންތިޚާބުގައި އަޅުގަނޑުމެންނަށް އަށާވީސް ސްލޮޓް ލިބިފައި ހުރިއިރު އޭގެ ތެރެއިން ދިހަވަރަކަށް ސްލޮޓަށް، ދިހަވަރަކަށް ދާއިރާއަށް ޕީޕީއެމްގެ ބައެއް މެންބަރުން ވާދަކުރަމުން ދިޔައިރުވެސް އަޅުގަނޑުމެންވަނީ ވިހިމިލިއަން ރުފިޔާއަށްވުރެ މަދު ނޫން އަދަދެއް އެބޭފުޅުންގެ މެންބަރުންނަށާއި، އަދި ރައީސް މައުމޫންގެ އަތްޕުޅަށާއި، އަދި ރައީސް ޔާމީންގެ އަތްޕުޅަށް ފޮނުވާފައި. އެހެންވީމާ އެބޭފުޅުންގެ އަރިހަށް ގަނޑުކޮށް ފޮނުވި ލާރިއާއި، އަދި އެބޭފުޅުންގެ ކެންޑިޓުންނަށް އަޅުގަނޑުވަނީ ދީފައި،" ޤާސިމް ވިދާޅުވިއެވެ.

މީގެ ތެެރެއިން މޫސާ ޒަމީރު ފިޔަވައި އެންމެން ހޮވުނު ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އެއިން އެއްވެސް ބޭފުޅަކު ޖޭޕީއަށް ސޮއި ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އެޕާޓީއަށް ސޮއިކުރަން ނުވެސް އެދޭ ކަމަށް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ މިވާހަކަތައް ހާމަކުރެއްވީ ކަލަގޮވާކަށް ނޫންކަމަށެވެ. އެއީ އެގްރީމެންޓާ އެއްގޮތަށް ޢަމަލު ކުރުމަށް ދެއްވި އެހީތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖޭޕީން ވާނީ ކޯލިޝަން އެގްރީމެންޓުގައިހުރި ހުރިހާ ކަމަކަށްވެސް ރަނގަޅަށް އަމަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement