ކޮމިޓީތަކުގެ މައްސަލާގައި ޕާޓީތަކުގެ ވެރިންނާ މަޝްވަރާ ކުރަން ނިންމަވައިފި
ކޮމިޓީތަކުގެ މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު މަޝްވަރާ ކުރައްވަން ނިންމަވައިފިއެވެ.
މަސީހު މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ބައްދަލުވުން ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުމުންނެވެ. މަޖިލިސް މެދުކަނޑާލާފައިވަނީ ކޮމިޓީ ތަކުގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން ނިޒާމީނުކުތާ ނަންގަވަން ފެއްޓަވުމުގެ ސަބަބުން މަޖިލިސް ތަޅުން ހޫނުވެގެންނެވެ.
އެމްޑީޕީ މެމްބަރުންގެ ޝަކުވާއަކަށްވީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް ބެހުމުގައި ސަރުކާރު ޒިންމާދާރު ކުރެވޭނެ ގޮތަކަށް ކޮމެޓީތަކުގެ ސްލޮޓުތައް ބަހާފައި ނުވާމައްސަލައެވެ. މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާ ނިންމަވާ ލައްވަމުން މަސީހު ވިދާޅުވެފައިވަނީ އެ މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ކޮމެޓީތައް ބެހުމަށް އިއްޔެ ބޭއްވި ބައްދަލުވުމަށް އެމްޑީޕީން ބައިވެރިއެއް ނުވެއެވެ. އެއީ އެ ޕާޓީން ބޭނުންވާގޮތަށް ސްލޮޓްތައް ބެހުމަށް ސަރުކާރު ކޯލިޝަނުން އެއްބަސް ނުވާތީއެވެ. ކޮމެޓީތައް ބަހާފައިވަނީ އަށް ކޮމެޓީއަކުން ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ ލިބޭގޮތަށެވެ. އެ ކޮމެޓީތަކަކީ، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީ، ގައުމީ ސަލާމަތާބެހޭ ކޮމެޓީ، ޕެޓިޝަން ކޮމެޓީ، އާންމު ކޮމެޓީ، މާލިއްޔަތު ކޮމެޓީއާއި އިގްތިސާދީ ކޮމެޓީއެވެ.
އެމްޑީޕީން އެދިފައިވަނީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއާއި، މާލިއްޔަތު ކޮމެޓީއާއި، މިނިވަން މުއައްސަސާ ތަކާބެހޭ ކޮމެޓީގެ މެޖޯރިޓީ ހޯދުމަށެވެ. ނަމަވެސް އެ ކޮމިޓީތަކުގެ މެޖޯރިޓީ ދީފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނަށެވެ. ނަމަވެސް ހަ ކޮމެޓީއެއް ވަނީ އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބޭގޮތަށް ބަހާފައެވެ.
މި މައްސަލައިގައި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮމެޓީތައް އެކުލަވާލަންޖެހޭނީ ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށްކަމަށެވެ. ގާނޫނު އަސާސީގެ ރޫހަކީ ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގައި އެމްޑީޕީން ބުނެފައިވަނީ މަޖިލިސްތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރަސްއަޅާނަމަ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު