ބެޔަސް ނުބެޔަސް" ސްކީމަށް ލިބެމުންދާ ތަރުހީބު ކުޑަ- މިނިސްޓަރ"
މިއަދާ ހަމަށް ސްކީމުގައި ބައިވެރި ވެފައިވަނީ 20 މީހުންމަސްވެރިކަން ދަށްވާ ދުވަސްވަރާ ދިމާކޮށް މަސްވެރިންނަށް އާމްދަނީއެއް ހޯދައި ދިނުމަށް ސަރުކާރުން ތަޢާރަފް ކޮށްފައިވާ "ބެޔަސް ނުބެޔަސް" ސްކީމަށް މަސްވެރިންގެ ފަރާތުން ލިބޭ ތަރުހީބު ކުޑަކަމަށް ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ ވިދާޅު ވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ އެ ސްކީމަށް ލިބޭ ތަރުހީބު ކުޑަވެފައިވަނީ މަސްވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ސިޔާސީ ކޮށްފައިވާތީ ކަމަށް ބެލެވޭ ކަމަށެވެ. "ސަރުކާރު ބަދަލުވަމުން އައިއިރު އެންމެ ބޮޑަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކޮށް ސިޔާސީ ކުރުވާފައިވާ އެއްބަޔަކީ މަސްވެރިން،" މިނިސްޓަރ ވިދާޅުވިއެވެ.
އެހެން ކަމުން އެ ސްކީމާ ބެހޭ މައުލޫމާތު މަސްވެރިންނާ ހަމަށް އެންމެ ރަނގަޅަށް ނުފޯރަނީ ކަމަށް ވެދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ ސަރުކާރުން ވަރަށް ރަނގަޅު މަގުސަދެއްގައި ކުރައްވާ ކަމެއް ކަމަށެވެ. އެއީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް، މަސްވެރިން މަހަށް ފުރުމަށް ހިތްވަރު ދެއްވުމާއި، މަސް ނުބާނާ ދުވަސްވަރުވެސް އެމީހުންނަށް އާމްދަނީ ލިބޭނެގޮތް ހައްދަވައި ދެއްވުން ކަމަށެވެ. "ބައެއް މަސްވެރިން ބުނޭ ސްކީމުން ލިބޭ އާމްދަނީއަށްވުރެ ބޮޑުއެއްޗެއް މިހާރުވެސް ލިބެޔޭ. އެހެންވީމާ ފައިސާ ދީގެން ސްކީމުގައި ބައިވެރިވުމުގެ ބޭނުމެއް ނެތެއްނޫންހޭ. އެކަމަކު މަސްނުބާނާ ދުވަސްވަރު މަސްވެރިންނަށް އާމްދަނީ ނުލިބޭތަން މިސްކީމުން ފޫބައްދައި ދެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ މިއަދާ ހަމަށް ސްކީމުގައި ބައިވެރިވެފައިވަނީ 20 މީހުން ކަމަށެވެ. ނަމަވެސް ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ) ހަރުކުރަމުންދާ 55 މަސްދޯނީގައި އެނިޒާމް ގާއިމް ކުރުމުން "ބެޔަސް ނުބެޔަސް" ސްކީމުގައި ބައިވެރިވުމަށް އެދޭ މަސްވެރިން އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދޯނީގައި ވީޑީއެލް ނިޒާމް ހަރުކުރުމަކީ އޮޑިވެރިޔާ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެން ކަމުން އެނިޒާމް ހަރުކުރުމަށް އޮޑިވެރިންނަށް ވީހާވެސް ބޮޑު ލުޔެއް ދެވޭނެގޮތެއް ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ސްކީމްގެދަށުން، 65 ފޫޓަށް ވުރެ ބޮޑެތި އުޅަނދުފަހަރުން މަހަށްދާ ކޮންމެ މަސްވެރިއަކަށް ޕްރިމިއަމްގެ ގޮތުގައި އަހަރަކު ނެގުމަށް ހަމަޖެހިފައިވަނީ 6000 ރުފިޔާއެވެ. އެއީ މަހަކަށް 500 ރުފިޔާއެވެ.
65-45 ފޫޓުގެ އުޅަނދުފަހަރުގައި މަހަށްދާ މަސްވެރިން ޕްރިމިއަމްގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 400 ރުފިޔާއެވެ. އެއީ މުޅި އަހަރަށް ބަލާނަމަ ގާތްގަނޑަކަށް 4،800 ރުފިޔާއެވެ.
45 ފޫޓުން ދަށުގެ އުޅަނދު ފަހަރު ކެޓަގަރީން މަހަށްދާ މަސްވެރިންގެ އަތުން ސްކީމުގައި ބައިވެރި ކުރުމަށް ނެގުމަށް ހަމަޖެހިފައިވަނީ މަހަކު 350 ރުފިޔާއެވެ. އެއީ އަހަރަކަށް ގާތްގަނޑަކަށް 4،200 ރުފިޔާއެވެ.
މި އަގުތައް ހަމަޖައްސާފައިވަނީ މަސްވެރިޔާ މަހަށްދާ އުޅަނދުގެ ކުޑަބޮޑު މިނަށް ބަލައި ކުރަންޖެހޭ ޚަރަދާއި ލިބޭ އާމްދަނީއަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު