އަލަށް ތިން ކަނދުފަތި އަޅަން މިނިސްޓްރީން ނިންމަވައިފި

image

ރާއްޖޭގެ ތިން އަތޮޅެއްގައި އަލަށް ތިން އޮއިވާލި ކަނދުފަތި އަޅަން ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝައިނީ ވިދާޅު ވެއްޖެއެވެ.

އަލަށް ކަނދުފަތި އެޅުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ ހުޅަނގު ބިތާއި، ގއ. ހުޅަނގު ބިތާއި، ފުވައްމުލަކު އިރުމަތީ ބިތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ރާއްޖޭގައި އަލަށް އަޅާ ތިން ކަނދުފަތި. މީ ކަނދުފަތީގެ ސަބަބުން މަސްވެރިންނަށް އިތުރު ފަސޭހަކަމެއް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. މިއީ ކުރިންވެސް މަސްވެރިން ބޭނުން ވެފައިވާ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

އަލަށް ކަނދުފަތި އެޅުމާއި، ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އެޅައިދިނުމަށް މަސްވެރިކަމާބެހޭ ވުޒާރާގެ ޓީމެއް އަތޮޅު ތަކަށް މިއަދު ފުރާނެއެވެ. މި ޓީމު ފުރަތަމަ ދާނީ ށ. އަތޮޅަށެވެ. އެއަތޮޅުގެ މަސައްކަތް ނިންމުމަށްފަހު އެނބުރި މާލެއައިސްފައި ދެން ދާނި މ.އަތޮޅަށެވެ. ނަމަވެސް މ. އަތޮޅުން "ކަނޑައިގެން ގޮސްފައިވާ ކަނދުފަތި" އޮތްތޯ ފުރަތަމަ ޖެހޭނީ ޔަގީން ކުރަން ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. "އެއީ ބައެއް މަސްވެރިން އެބަބުނޭ އެ ކަނދުފަތި އެބައޮތް ކަމަށް. ކަނދުފަތި ނެތްކަމަށް ބުނާ މަސްވެރީވެސް އެބައުޅޭ. އެހެންވެ އެކަން ޔަގީން ކުރުމަށްފަހު އެއަތޮޅަށް ދާނީ،" ވަޒީރު ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ތ. އަތޮޅު ހިރިލަންދޫ ބޭރުގައި އޮތް ކަނދުފަތިވެސް ވަނީ ކަނޑައިގެން ގޮސްފައި ކަމަށެވެ. އެހެން ކަމުން މިދަތުރުތަކުގައި އެކަނދުފަތި ވެސް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ދެކުނުގެ އަތޮޅުތަކަށް ދިޔުމަށް ހަމަޖެހިފައިވަނީ ހިރިލަންދޫ ކަނދުފަތީގެ މަސައްކަތް ނިންމުމަށް ފަހުއެވެ.

"އަޅުގަނޑުމެން މިބަލަނީ އިރާދަ ކުރެއްވިއްޔާ ރޯދައިގެ ކުރިން ހުރިހާ ކަނދުފައްޗެއްގެ މަސައްކަތް ނިންމަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް