ފުލުހުންނަށް ހަމަލާދިން ތިންމީހަކު ހައްޔަރު ކޮށްފި
މަގުމަތީގައި ގުރޫޕް ހަދައިގެން ތިބި ބަޔަކު ފާސްކުރަން މަސައްކަތްކުރި ދެ ފުލުހެއްގެ ގައިގައި ތަޅައި މާރާ މާރީ ހިންގައިފިއެވެ.
ފުލުހުންބުނީ މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީގައި ކަމަށެވެ. ހާދިސާ ހިނގި އިރު ގަޑިންމެންދަމު 12:05 ހިނގާ ފާނެކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވެއެވެ. ހައްޔަރު ކޮށްފައިވަނީ 19އަހަރު ފިރިހެނަކާއި، 20 އަހަރުގެ ފިރިހެނަކާއި، 27 އަހަރުގެ ފިރިހެނެކެވެ. ތިންމީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ ތިން މީހުންކަމަށް ފުލުހުން ބުނެއެވެ.
އެމީހުންގެ މައުލޫމާތު ފުލުހުން ހާމަނުކުރި ކަމުގައި ވިއަސް ތިން މީހުންނަކީ ވެސް ދިވެހިންކަމަށް ފުލުހުން ބުނެއެވެ. އަދި އިތުރު މީހަކު މި މައްސަލައިގައި ފުލުހުން އަންނަނީ ހޯދަމުންނެވެ. އެއީކާކުކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެމީހުން ފުލުހުންނަށް ހަމަލާދީފައިވަނީ ގުރޫޕު ހަދައިގެން މަގުމަތީގައި ނުތިބުމަށް ނަސޭހަތްތެރި ވެފައިވަނިކޮށެވެ. ނަމަވެސް ފުލުހުންނަށް ހަމަލާ ދީފައިވަނީ ދެވަނަފަހަރަށް އެމީހުން ތިބި ސަރަހައްދަށް ގޮސް ފާސްކުރަން ފެށުމުންނެވެ.
ހާދިސާގައި އަނިޔާވި ދެ ފުލުހުންނަށް ހިތަދޫރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސްއެމީހުންނަށް ލިބުނީ ކޮންކަހަލަ އަނިޔާތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނެފައިވަނީ އެމީހުންގައިގައި ތަޅައި މާރާ މާރީ ހިންގި ކަމަށެވެ. ތޫނު ހަތިޔާރެއް ބޭނުންކުރިކަމަށް ނުބުނެއެވެ. އެހެން ނަމަވެސް އެ މީހުން ދުއްވި ސައިކަލަށްގެއްލުން ދީފައިވެއެވެ. މިގޮތުން ސައިކަލުގެ ކަވަރު ސެޓާއި، ހެޑްލައިޓާއި، މީޓަރުބޯޑަށް ހަމަލާދީފައިވެއެވެ. އަދި ފުލުހެއްގެ ފޯނުގެ ޑިސްޕްލޭ ވެސް ތަޅާލާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު