ގަމުގައި ބަލިމަޑު ކަމެއް އުފެދިދާނެ ކަމުގެ އިންޒާރު އެރަށު ކައުންސިލުން ދީފި
ހައްދުންމަތީ ގަމުގެ ނަރުދަމާގެ ނިޒާމް ހަލާކުވެ ރަށުގެބައެއް ސަރަހައްދު ތަކަށް ނަޖިސް ފެން ބޭރުވަމުންދާތީ އެރަށުގައި ބަލިމަޑު ކަމެއް އުފެދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެރަށު ކައުންސިލުން ހާމަ ކުރައްވައިފިއެވެ.
"ދުވަސްނިއުސް" އަށް ދެއްވި އިންޓަވިއު އެއްގައި ގަމު ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ ގަމުގެ ނަރުދަމާ ހަލާކުވެ ރަށުތެރެއަށް ނަޖިސް ފެން ބޭރުވަމުން ދާތާ މިހާރު ހަފްތާއަކަށްވުރެ ގިނަވެދާނެ ކަމަށެވެ. ނަމަވެސް އަދި އެކަމަށް އެއްވެސް ހައްލެއްލިބިފައި ނުވާކަމަށެވެ. ނަޖިސް ފެން ބޭރުވުމުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލާނަމަ ރަށުގައި ބަލިމަޑުކަމެއް ފެތުރި އެތައް ބަޔަކަށް ގެއްލުން ވެދާނެތީ އެކަމަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެބިރު އޮތުމުން ހެލްތު މިނިސްޓްރީއަށާއި، ރާއީސް އޮފީސް އެކަމަށް ސަމާލުކުރުވުމަށް ސިޓީވެސް ފޮނުވާފައިވާނެ ކަމަށެވެ.
ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރުވެރިކަމެއް އޮތަސްއެކަމާ ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލުން ކައުންސިލާ މަޝްވަރާ ކޮށްފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކައުންސިލުންވެސް ހޮސްޕިޓަލާ ވާހަކަދައްކާފައި ނުވާކަމަށެވެ.
ވަގުތީ ގޮތުން ގަމު ރީޖަންލް ހޮސްޕިޓްލް ހިންގެވުމާ ހަވާލުވެ އިންނެވި ފަޒުލާ ޔޫނުސް ވިދާޅުވީ ހޮސްޕިޓަލުން ގޭގެއަށްކުރި އާންމު ޒިޔާރަތެއްގައި ރަށުގައި ރޯގާއެއް ފެތުރެމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެރޯގާއަކީ ނަރުދަމާއިން ނަޖިސް ފެން ބޭރުވަމުން އަންނާތީ ފެތުރޭ ރޯގާއެއް ކަމަށްލަފާ ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަޒުނާ ވިދާޅުވީ މިކަން ފާހަގަ ކުރެވުމުން ހޮސްޕިޓަލުންވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މިއަދު، ސިޓީއެއް ފޮނުވާފައި ކަމަށެވެ.
ގަމުގެ ނަރުދަމާގެ މައްސަލަޖެހޭތާ 2 އަހަރު ވެއްޖެ އެވެ. ނަރުދަމާގެ މައްސަލަ ދިމާވުމުން މީހުން ދިރިއުޅޭ 3 ސަރަހައްދަކަށް ނަޖިސް ފެން ދަނީބޭރުވަމުން ކަމަށް ގަމު ކައުންސިލުން ބުނެއެވެ.
ވާރޭވެހޭ ދުވަސްވަރު ގޭގޭގެ ފާޚާނާއިން ވެސް ނަޖިސް ފެން ބޭރުވާކަމަށް ކައުންސިލުންވަނީ ހާމަކުރައްވާފައެވެ. މިކަމަށް އަދި ހައްލެއް ނުލިބުނަސް ކައުންސިލުން އަންނަނީ މައްސަލަ ހައްލު ކުރުމަށް ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު