ޓޫރިޒަމަށް ބަރޯސާވުން ކުޑަކުރަންޖެހޭ: މިނިސްޓަރ

ހަމައެކަނި ޓޫރިޒަމަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖޭގައި އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުން މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއޖެ އެވެ.
މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ 40 ޕަސެންޓް ބަރޯސާވަނީ ޓޫރިޒަމަށް ކަމަށެވެ. މިހެން ކަމުން ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ވަރަށްވޮޑަށް ރާއްޖެއަށް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، އިގްތިސާދީ ހާއްސަ ޒޯނުތަކެއް ރާއްޖޭގައި ތައާރަފް ކުރެވިއްޖެނަމަ ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރުން ކުޑަވާނެ ކަމަށެވެ. އިގްތިސާދީ ސަރަހައްދު ތަކެއް ރާއްޖޭގައި ކަނޑައެޅުމުން، އިތުރުސިނާއަތްތައް ރާއްޖޭގައި ހުޅުވިގެން ދާނެއެވެ.
ސަރުކާރުން މި ހަފްތާގައި މަޖިލީހަށް ހުށަހެޅިއިގްތިސާދީ ހާއްސަ ޒޯނުތައް ކަނޑައެޅުމުގެ ބިލަށް މިނިސްޓަރ ވަރަށް ބޮޑަށްތައުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ބިލުގެ ސަބަބުން ރާއްޖެގައި އިންވެސްޓުމަންޓުތައް އިތުރުވެގެންދާނެ ކަމަށެވެ. މީގެ ކުރިން އިންވެސްޓަރުންނަށް ހާއްސަ ގާނޫނުތަކެއް ނެތުމުން އެ މީހުންގެ ޝައުގުވެރިކަން ރާއްޖެއާއި މެދު ކުޑަވެފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
"ބިލުގެ އަމާޒަކީ ރާއްޖޭގައި އަދިމިހާތަނަށްނެތް ވިޔަފާރިތަކެއް ތައާރަފްކުރުން. މަހެއްހާ ދުވަހުގެ ތެރޭގައި ބިލް ފާސްވާނެ ކަމަށް އުންމީދު ކުރަން،" މިނިސްޓަރ ވިދާޅުވި އެވެ.
އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމަށް މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި އެ ފަދަ ސަރަހައްދެއް ބިނާކުރާއިރު އިންވެސްޓަރުންގެ އިމްޕޯޓު ޑިއުޓީ މާފުކުރުމަށް ވަނީ ހިމަނާފައެވެ. އަދިވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ވެސް މާފުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ޖީއެސްޓީ 10 އަހަރު ދުވަހަށް މާފުކުރުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު