ހަތަރު މެންބަރުން ޕީޕީއެމްއާ ގުޅުނުކަން މަޖިލީހުން އިޢުލާން ކުރައްވައިފި
އަމިއްލަތަ ހަތަރު މެމްބަރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސް (ޕީޕީއެމާއި) ގުޅިވަޑައިގެންނެވިކަން މަޖިލީހު ރިޔާސަތުން މިއަދު އިއުލާނު ކުރައްވައިފިއެވެ.
މިއަދު ރިޔާސަތުން ވިދާޅުވީ، މިނިވަން މެމްބަރުންގެ ގޮތުގައި މަޖިލީހަށް ހޮވި ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޕީޕީއެމާއި ގުޅިވަޑައިގެންނެވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލް ލަތީފް މުޙަންމަދު، ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމު، މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ތާރިޤު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލެވެ.
މީގެ އިތުރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެ ވަޑައިގެންނެވުމަށްފަހު ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ފަސް މެމްބަރަކު ޕާޓީ ބަދަލު ކުރެއްވުމާއި ގުޅިގެން މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ އަދަދުވެސް ވަނީ ބަދަލު އައިސްފަ އެވެ. މިހާރު ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 38 އެވެ. އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 25 އެވެ. ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 15 އެވެ. މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސްއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ ފަހެކެވެ. އަދާލަތުޕާޓީގައި އިންނެވީ އެންމެ މެންބަރެކެވެ. ވަކިޕާޓީ އަކަށް ނިސްބަތްވެ ވަޑައި ނުގަންނަވާ މެންބަރުންގެ ގޮތުގައިވެސް މެންބަރަކު މަޖިލީހުގައި އިންނަވައެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ވިލިމާފަންނު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަޙްމަދު ނިހާން ޙުސައިންމަނިކު މިއަދު ވަނީ ހަމަޖައްސަވާފައެވެ. މައިނޯރިޓީލީޑަރަކަށް ހަމަޖައްސަވާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް މުޙައްމަދު ސާލިޙެވެ.
މަޖިލީހުގެ މެޖޯރިޓީލީޑަރަކީ، މަޖިލީހުގައި ހިމެނޭ ގޮނޑިތަކުގެ ތެރެއިން އެންމެގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަރާތުން ހުންނަ އެންމެ އިސްމެންބަރެވެ. މައިނޯރިޓީ ލީޑަރަކީ، މަޖިލީހުގައި ދެވަނައަށް އެންމެގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީގެ ފަރާތުން ހުންނަ އެންމެ އިސްމެންބަރެވެ.
ކިޔުންތެރިންގެ ހިޔާލު