"ދިއްދުއަށް އުދައެރުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެހީ ބޭނުން"
ތިލަދުންމަތީ ދިއްދުއަށް އުދައަރައި ރަށް ގިރަމުންދާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެހީ ބޭނުންވާ ކަމަށް އެރަށުގެ ކައުންސިލްގެ ކުރީގެ މެންބަރު ޢަބްދުﷲ ސިރާޖު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެރަށަށް މިއަދު އުދައަރައި ބައެއް ގޭގެއަށް ލޮނުވަދެފައިވާ މައްސަލައިގާ "ދުވަސްނިއުސް" އަށް މައުލޫމާތު ދެއްވަމުންނެވެ. މިއަދު އެރަށަށް އުދައެރުމުގެ ސަބަބުން ބައެއް ގޭގެއަށް ވަނީ ލޮނު ވަދެފައެވެ. ނަަމަވެސް ލިބުނު ގެއްލުމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ސިރާޖު ވިދާޅުވީ ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން އެރަށަށް އުދައަރާ ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް 2011 ވަނަ އަހަރު ބޮޑު ހިލަ ޖެހުމުގެ މަޝްރޫއެއް އެރަށުގައި ސަރުކާރުން ފެށި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް 2012 ވަނަ އަހަރު ވެރިކަން ބަދަލުވުމުން އެ މަޝްރޫއު ހުއްޓިފައިވާ ކަމަށެވެ. އެއަށްފަހު މޫދުން ބޮޑެތި ގާތައް ނަގައިގެން އެސަރަހައްދުގައި ޖެހިކަމަށް ވިދާޅުވިއެވެ. ނަމަވެސް އެގާތައްވެސް މިހާރުވަނީ "ހަލާކުވެފައި" ކަމަށް ވިދާޅުވިއެވެ.
އުދަ އެރުމުން ދިޔަބޮޑުވިޔަ ނުދިނުމަށް މިހާރުގެ ކައުންސިލުން އިސްނަގައިގެން ވަނީ ހުޅަނގު ފަރާތު ތޮށިމަތީގައި ވެލިބަސްތާ ވެސް ޖަހާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް ހައްލެއް ލިބިފައެއް ނުވެއެވެ.
އޭނާ ވިދާޅުވީ ވެރިކަން ބަދަކުވުމުން، ބޮޑުހިލަ ޖެހުމުގެ މަޝްރޫއު ހުއްޓުނު ގޮތަށް އެކަން ފެށިފައި ނުވާކަމަށެވެ. ސަރުކާރުން ބުނަމުން ގެންދަނީ ފައިސާނެތް ވާހަކަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ކައުސިލުގައި ތިބި އިރު ވެސް ކައުންސިލު ފެންވަރުގައި ކުރެވޭނެ މަސައްކަތެއް ކުރިން. މިހާރުގެ ކައުންސިލުން ވެސް އެބޭފުޅުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި. އެހެން ނަމަވެސް ސަރުކާރުން އެކަމަށް އަޅާލައިގެން ނޫނީ ނުވާނެ،" އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މިމައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެހީބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެރަށަށް އުދާ އަރާ ސަރަހައްދަގައި ކުރިންހުރި ދެގެއަކުން މީހުން ނުކުމެ އެދެގެ މިހާރުވަނީ ފަޅުވެފައެވެ. އެރަށަށް މިއަދު އުދައަރަން ފެށުމުން އެކަން ރައީސް އޮފީހާއި، އެންވަޔަރްމެންޓް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު