ޔޫކުރޭނުގައި ތިބި ދިވެހިން ވެރިރަށް ކިއެވް އަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި
ޔޫކުރޭނުގެ ލުހާންސްކްގައި ހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިން ވެެރިރަށް ކިއެވް އަށް ބަދަލު ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފި އެވެ.
ޔޫކުރޭނުގައި މިވަގުތު ދިވެހި18 ކުދިން ކިޔަވަމުން އެބަދެއެވެ. އެ ކުދިންގެ ތެރޭގައި ގިނައީ ޑޮކްޓަރުކަން ކިޔަވަމުންދާ ކުދިންނެވެ. އެތަނުގައި ތިބި ކިޔަވާ ކުދިންގެ ޢާއިލާ މީހަކު "ދުވަހަށް" މައުލޫމާތު ދެމުން ބުނީ ޔޫކުރޭނުގައި ތިބި ކުދިން އިއްޔެ މެންދުރުފަހު ރޭލުގައި ކިއެވް އަށް ދިއުމަށް ފުރާފައިވާކަމަށެވެ. އެމީހުންގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނޭކަމަށް އޭނާ ބުންޏެވެ. އެމީހުންނަށް ކިއެވް އަށް ދެވޭނީ މިއަދުގެ ވަގުތެއްގަ އެވެ.
"ދިވެހި ސަރުކާރުން އެ ކުދިންނަށް ދޭ އެހީތެރި ކަމަށް އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން. އެހެންނަމަވެސް އަދިވެސް ކަންބޮޑުވުންތަކެއް އެބަހުރި. އެމީހުންގެ އެކޮމަޑޭޝަންގެ ކަންކަން އަދިވެސް ހަމަނުޖެހޭހެން އަޅުގަނޑަށްހީވަނީ،" ދުވަހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ލުހާންްސްކުން ކިއެވް އަށް ދިވެހި ކުދިން ދަތުރުކޮށްފައިވަނީ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ އުޅަނދެއްގައެވެ. ބައެއް އާއިލާތަކުން ބޭނުންވަނީ އެމީހުންގެ އަމިއްލަ ޚަރަދުގައިވެސް އެކުދިން މާލެ ގެންނާށެވެ. ނަމަވެސް އެންމެންނަށް އާދެވޭނެ ގޮތެއް ނެތުމުން އެއްބަޔަކު އަނެއް ބަޔަކު ދޫކޮށްފައި އަންނަން ބޭނުންނުވާ ކުދިންވެސް އެބައުޅެއެވެ.
ދިވެހިސަރުކާރުން ކުރިން ބުނެފައިވަނީ މަސްރަހު ގޯސްވާއިރު އިންޑިއާ ކުދިންނާއެކު ދިވެހި ކުދިންވެސް ޔޫކުރޭނުން ބޭރުކޮށްދޭނެ ކަމަށް އިންޑީއާއިން ބުނެފައިވާ ކަމަށެވެ. ޔޫކުރޭނުގެ ޓްރެވަލް އެޖެންޓަކު ބުނެފައިވަނީ ސާކުގެ ކޮންމެ ގައުމެއްގެ ކުއްޖަކު އެހީއަށް އެދިގެން އަޔަސް އެކަން ކޮށްދިނުމަށް އިންޑީއާއިން އަންގައިފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިކުދިން ކިއެވްއަށް، ގެންދަނީ ޔޫކުރޭނުގައި ހުރި އިންޑިއާ އެމްބަސީއާ ގުޅިގެންކަމަށެވެ. ޔޫކުރޭނުގައި ތިބި ދިވެހި ކިޔަވާކުދިންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަން ހޯދުމުގެ ކަންބޮޑުވުމެއް ނެތްކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.
"ހުރިހާ ކަމެއްވެސް ރަނގަޅަށް އޮތީ. އެކޮމަޑޭޝަން ވެސް ހަމަޖެހޭނެ،" ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވި އެވެ. ފޮރިން މިނިސްޓްރީން މިހެން ބުނި ކަމަށްވިޔަސް ބައެއް އާއިލާތަކުންވަނީ ސަރުކާރުން މިކަމުގައި އަވަސް ފިޔަޅުތަކެއް ނާޅާކަމަށް ބުނެ ހިިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. "ތިންދުވަހު މިނިސްޓްރީއާ ވާހަކަ ދައްކައިގެންވެސް އެދެވޭ ޖަވާބެއް ލިބިފައެއްނެތް" އާއިލާއަކުން ވާހަކަ ދެއްކި މީހަަކު ބުންޏެވެ. އޭނާ ބުނީ ކިއެވްއަށް ގެންދިޔަސް އެތަނުންވެސް ސަލާމަތްތެރި ކަމެއް ނެތްކަމަށްވާނަމަ ދެން ހަދާނެ ގޮތެއްވެސް އޮންނަންވާނެ ކަމަށެވެ.
ޔޫކުރޭނުގައި ތިބި އިންޑިއާ ކިޔަވާ ކުދިން ކިއެވްއަށް ބަދަލު ކުރަނީ މިވަގުތު ސަލާމަތަށްޓަކައި ކަމަށްވެސް އެކޮޅުގައި ތިބި ދިވެހި ކުދިންނާ ހަވާލާ އެމީހާ ބުންނެވެ. އިންޑިއާއިން ނިންމާފައި އޮތީ އެގައުމުގައި ތިބި އިންޑިއާ ކުދިން ކިއެވް އިން އިންޑިއާއަށް ގެންދަން ކަމަށްވެސް ޔޫކުރޭނުގައި ތިބި ދިވެހި ކުދިން ބުނާކަމަށްވެސް އެމީހާ ބުންޏެވެ.
ޔޫކުރޭނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ލުހާންސްގެ ބައެއް ސަރަހައްދު ތަކަށް ޔޫކުރޭނު ސަރުކާރުގެ ޖެޓު ތަކުން މިސައިލު ހަމަލާ ދެމުން ގެންދާ ކަމަށް "ރަޝިއާ ޓުޑޭ" ނިއުސް އެޖެންސީން ބުނެފައިވެ އެވެ. އެ ހަމަލާތަކުގައި ސަރުކާރު އިމާރާތެއް ވެސް ވަނީ ގޮއްވައިލާފަ އެވެ. ނަމަވެސް އެއީ ޔޫކުރޭނު ސަރުކާރުން ކުރި ކަމެއް ނޫންކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.
"އަޅުގަނޑުމެން އެއްވެސް ގޮތަކަށް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާއެއް ނުދެން،" ޔޫކުރޭނު ސަރުކާރުގެ އޮފިޝަލެއް 'ރަޝިއާ ޓުޑޭ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު