ދައުލަތުގެ ނިޒާމް ސަރުކާރުގެ ބާރުގެ ދަށަށް ދިޔުމުން މުޅި ގައުމަށް ގެއްލުންވާނެ: ސަމީރު
ދައުލަތުގެ މުޅިނިޒާމު ސަރުކާރުގެ އަތްމައްޗަށް ދިއުމުގެ ގެއްލުން މުޅި ދިވެހި ގައުމަށް ކުރާނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ސިޔާސީ ވެށި" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވެފައިވަނީ، ހަތިޔާރުގެ ބާރާއި، ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ވެސް ސަރުކާރު އަތްމައްޗަށް ދިއުމުގެ ދެރަ ލިބޭނީ ޖުމްހޫރީ ޕާޓީއަށް އެކަނި ނޫންކަމަށެވެ. އެކަމުގެ ހިތި ހުރިހާ ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށެވެ.
"ހަތިޔާރުވެސް ބާރުވެސް ހުރިހާކަމެއް ވެސް އޮތީ އެބޭފުޅުން (ސަރުކާރު) ގެ އަތްމަތީގައި. އެހެންވީމާ މިއަދު މިފެންނަނީ މިކަން އެގޮތަށް ވަމުންދާތަން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް، ސަރުކާރުގެ ތެރެއިން ވެސް ޖުޑީޝަރީގެ ތެރެއިން ވެސް، ކަންހިނގަމުން މިދަނީ އެގޮތަށް. މުޅި ނިޒާމު ސަރުކާރުގެ ކޮންޓްރޯލުގެ ތެރެއަށް ގެނެސްފައި ސަރުކާރުން ބޭނުންގޮތަށް މުޅިއެތި އޮޕަރޭޓު ކުރަން އުޅެނީ. އޭރުން މީގެ ނަތީޖާއަކަށްވާނީ ޖުމްހޫރީ ޕާޓީއަކަށް އެކަންޏެއްނޫން މިކަމުގެ ދަތިކަން ދިމާވާނީ. މާދަމާ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އެކަމުގެ ހިތްދަތިކަން ލިބުމަކީ ވަރަށް ގާތުގައި އޮތްކަމެއް،" ސަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްގެ ކޯލިޝަން ޕީޕީއެމުން "އަމިއްލައަށް ރޫޅައިލައި" ޖުމްހޫރީ ޕާޓީގެ މެމްބަރުންތައް ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރަމުން ގެންދިއުމުގެ ސަބަބުން އެކަމާމެދު ރައްޔިތުންގެ ހިތުގައި ހަމްދަރުދީ އުފެދިފައިވާކަމަށެވެ.
ޕީޕީއެމުން ޖުމްހޫރީ ޕާޓީއާމެދު އަމަލުކޮށްފައިވަނީ " އަނިޔާވެރިކޮށް، ބޭއިންސާފުން" ކަމަށް ވެސް ސަމީރު ތުހުމަތު ކުރެއްވިއެވެ. އެހެން ނަމަވެސް ޕީޕީއެމުން ބުނަމުން ގެންދަނީ ކޯލިޝަނުގެ އެއްބަސްވުން އުވާލީ ޖުމްހޫރީ ޕާޓީން އަމިއްލައަށް ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ މެމްބަރުން ސަރުކާރު ވަޒީފާތަކުން ވަކިކުރަމުން ގެންދާތީ ދިވެހި ލޮބުވެއްތި ރައްޔިތުން ވަނީ ޖުމްހޫރީ ޕާޓީއާމެދުގަ ހަމްދަރުދީ އުފެދިފައި. އެބޭފުޅުންގެ (ރައްޔިތުންގެ އެހީތެރިކަން) އަޅުގަނޑުމެން ބޭނުން،" ސަމީރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއާ އެއްވެސް ޕާޓީއަކާމެދު ވެވޭ ކޯލިޝަން ނުހިފެހެއްޓެނީ ކީއްވެތޯ ސުވާލުކުރުމުން ސަމީރު ވިދާޅުވީ، ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ ކޯލިޝަން އުވިގެން ދިޔައީ ޕީޕީއެމުން ވެފައިވާ ވައުދުތައް ފުއްދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރެއްވުމުން ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ހެވާއިލާބައަށް ކަންތައްތައް ކޮށްދިނުން. އެމަނިކުފާނުގެ ވިސްނުންފުޅުގައި އެބަހުންނަވާ، ރައްޔިތުންނަށް ކަމެއް ކޮށްދެއްވިއްޔާ އެކަމެއް ކޮށްދޭންޖެހޭނެ އެންމެފުރަތަމަ ކަމެއްގޮތުގައި. ސަރުކާރަށް މިވެގެން އުޅޭގޮތަކީ ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންފައިހުރި ވައުދުތައް ފުދުމަށް އެންމެ ބޮޑަށް މަގުފަހިވާނެ އެއްކަމެކޭ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގަައި އެމަނިކުފާނު އިންނެވުން."
ސަރުކާރުގައި ތިއްބެވި ޖުމްހޫރީޕާޓީއަށް ނިސްބަތްވާ ވެރިން ވަކިކުރަން ރައީސް ޔާމީނަށް ޕީޕީއެމުން ވަނީ ދަންނަވާފަ އެވެ. އެޕާޓީން ރައީސަށް މިގޮތަށް ދެންނެވީ ސަރުކާރު ހިންގާ ކޯލިޝަނުގައި ޖޭޕީ އޮވެފައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އެޕާޓީން މެންބަރަކު ވާދަ ނުކުރަން ޕީޕީއެމް އިން ބުނެފައިވަނިކޮށް އެމަޤާމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވާދަ ކުރެއްވުމުންނެވެ. ޕީޕީއެމްއިން ބުނެފައިވަނީ މަޖިލީހުގެ ރައީސަކަށް ޤާސިމް ރަސްމީކޮށް ވާދަކުރައްވާ ހިސާބުން ކޯލިޝަން ރޫޅޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު