މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ހޮވާފައިވަނީ ޕީޕީއެމްއާއި އެމްޑީޕީ ގުޅިގެން:ޖޭޕީ

image ޤާސިމް އިބްރާހީމް މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޮ މަޖިލީސް

ރައްޔިތުންގެ އައު މަޖިލީހަށް ރައީސާއި ނާއިބު ރައީސް ހޮވާފައިވާ ޕީޕީއެމްއާއި އެމްޑީޕީ ގުޅިގެން ކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ) އިން ތުހުމަތު ކޮށްފިއެވެ.

އެޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ ރައީސަކާއި ނައިބް ރައީސް ހޮވުމަށް ނެގުނު ވޯޓުގައި މަޖިލީހުގެ ރައީސަކަށް ޕީ.ޕީ.އެމަށް ނިސްބަތްވާ ބޭފުޅަކު ހޮވުމާއި، ނާއިބް ރައީސަކަށް އެމް.ޑީ.ޕީއަށް ނިސްބަތްވާ ބޭފުޅަކު ހޮވިފައިވުމުން ޕީ.ޕީ.އެމް އާއި އެމް.ޑީ.ޕީ ގުޅިފައިވާކަން ފާޅުކަންބޮޑު ގޮތެއްގައި ދޭހަވާކަމުގައި،" ކަމުގައެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސަކަށް ހޮވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމް މެންބަރު ޢަބްދުﷲ މަސީހު މުޙައްމަދެވެ. ނާއިބު ރައީސަކަށް އިންތިޚާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު މޫސާ މަނިކެވެ. މަޖިލީހުގެ ރައީސް ކަމަށް ޖޭޕީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްވެސް ވާދަ ކުރެއްވިއެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގެންނެވީ 39 ވޯޓެވެ. މަސީހު ރައީސް ކަމަށް ހޮވިވަޑައިގެންނެވީ 43 ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޤާސިމް ކުރިމަތި ލެއްވުމުން ޕީޕީއެމްއާއެކު ޖޭޕީ ހަދާފައިވާ ކޯލިޝަން ނިމުމަކަށް އައިސްފައިވާ ކަމަށް ޕީޕިއެމް އިންވަނީ އިޢުލާން ކޮށްފައެވެ.

މިކަމާ ގުޅިގެން ޖޭޕީން މިއަދު ނެެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލެއްވުމަށް ޤާސިމްގެ ޤާނޫނީ ވާޖިބް އަދާކުރުމުގެ ގޮތުން ލިބިވަޑައިގެންފައިވާ ޙައްގެއް ކަމަށެވެ. އެ ޙައްގު "ބޭނުންކުރުމަކީ އެއްވެސް ޙާލަތެއްގައި ކޯލިޝަންގެ އެއްބަސްވުމަށް އެއްވެސް ބުރުލެއް އަރަންޖެހޭނެ ކަމެއްކަމުގައި" ނުދެކޭ ކަމަށެވެ.

ކޯލިޝަން އެއްބަސްވުމަކީ 2018 ވަނަ އަހަރު ނޮވެމްބަރ 11 ވަނަ ދުވަހާ ހަމަޔަށް ދެމިއޮންނަންޖެހޭ އެއްބަސްވުމެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. "އެ އެއްބަސްވުން ހަމައެކަނި ޕީޕީއެމް އަމިއްލަޔަށް ޚުދުމުހުތާރު ގޮތެއްގައި އުވާލުމަކީ ކުރެއްވޭނެ ކަމެއް ކަމަށް މިޕާޓީން ޤަބޫލެއް ނުކުރަމެވެ."

އެބަޔާނުގައި ބުނެފައިވަނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ޖޭޕިއަށް ސަރުކާރުން ދޭންޖެހޭ ސިޔާސީ މަޤާމުތަކުގެ 35 އިންސައްތަ ޖޭޕިއަށް ދިނުމަށް "ޕީ.ޕީ.އެމް އިން ކަނޑައެޅިގެން" އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން މަޝްވަރާ ކުރަންޖެހޭ އެއްވެސް ކަމެއްގައި މަޝްވަރާވެސް ކޮށްފައި ނުވާކަމަށެވެ. އެބަޔާނުގައި ބުނެފައިވަނީ ކޯލިޝަން އުވާލިކަން ރަސްމީކޮށް ޖޭޕީއަށް އަންގާފައި ނުވާކަމަށެވެ.

"އަމިއްލަޔަށް ކޯލިޝަންގެ އެއްބަސްވުން ބާތިލުކުރިކަމަށް، މިހާތަނަށްއައިރުވެސް ރަސްމީ ސިފައެއްގައި މި ޕާޓީއަށް އެންގުމެއްނެތި ހަމައެކަނި ސޯޝަލް މީޑިއާގައި ހާމަކުރުމަކީ ސިޔާސީގޮތުން ކުފޫހަމަވާ ޒިންމާދާރު އަދި ވެރިކަންކުރާ ޕާޓީއަކުން ޢަމަލުކުރާނެ ގޮތެއްކަމުގައި" ޖޭޕީއާއި ދިވެހިރައްޔިތުން ނުދެކޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement