ބޭނުންވަނީ މަޖިލީހުގެ މަސައްކަތް އަވަސްކުރަން: މަސީހު

image ރައްޔިތުންގެ އައު ރައީސް މަސީހާއި، ނާއިބު ރައީސް މޫސާމަނިކާއެކު ރައީސް ޔާމީން: ފޮޓޯ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ބޭނުންކަމަށް ރައްޔިތުން މަޖިލީހުގެ އައު ރައީސް ޢަބްދުﷲ މަސީޙު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްގައްޔޫމްގެ އަރިހަށް މަޖިލީހުގެ ރައީސާއި އައު ނާއިބުރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާމަނިކު ކުރެއްވި ޒިޔާރަތުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ، އައު މަޖިލީހުގެ މަސައްކަތްތަ ވީހާވެސް އަވަހަށް ނިންމުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އެމަނިކުފާނަށް މަޖިލީހުގެ ހުރިހާ މެމްބަރުންގެ އެއްބާރުލުން ވެސް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ނާއިބު ރައީސަކަށް ހޮވިވަޑައިގެންފައިވާ އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން މޫސާ މަނިކު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންބޭނުންވާ ހުރިހާ ކަމެއްގައި މަޖިލީހުގެތެރެއިން އެއްބާރުލުން ދެއްވާނެކަމަށެވެ. އައު މަޖިލީހަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާތަނަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އައު މަޖިލީހަކީ، ވަރަށް އުފެއްދުންތެރި މަސައްކަތްތަކެއް ފެނިގެންދާނެ މަޖިލީހަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ފުރިހަމަކުރުމަށް ގިނަ ބިލުތަކެއް މަޖިލީހަށް ސަރުކާރުން ހުށަހަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ބިލްތައް ފާސްކުރުމަށް އައު މަޖިލީހުގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement