ޖޭޕީގައި ތިއްބެވި ސަރުކާރުގެ ވެރިން ވަކިކުރަން ރައީސަށް ވާނީ ދަންނަވާފައި- ޕީޕީއެމް
ސަރުކާރުގައި ތިއްބެވި ޖުމްހޫރީޕާޓީ (ޖޭޕީ) އަށް ނިސްބަތްވާ ވެރިން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ދަންނަވައިފި ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
އެޕާޓީން ރައީސަށް މިގޮތަށް ދެންނެވީ ސަރުކާރު ހިންގާ ކޯލިޝަނުގައި ޖޭޕީ އޮވެފައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އެޕާޓީން މެންބަރަކު ވާދަ ނުކުރަން ޕީޕީއެމް އިން ބުނެފައިވަނިކޮށް އެމަޤާމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވާދަ ކުރެއްވުމުންނެވެ.
ޕީޕީއެމްއިން ބުނެފައިވަނީ މަޖިލީހުގެ ރައީސަކަށް ޤާސިމް ރަސްމީކޮށް ވާދަކުރައްވާ ހިސާބުން ކޯލިޝަން ރޫޅޭނެ ކަމަށެވެ. އަދި ސަރުކާރުގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން މަޤާމްތަކުން ވަކިކުރުމަށް ރައީސަށް ދެންވުމަށްވެސް ޕީޕީއެމްއިންވަނީ ނިންމާފައެވެ.
ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބު ވިދާޅުވީ ޖޭޕީއަށް ސަރުކާރުން ދިން މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ރައީސް ޔާމީނަށް ދެންނެވީ ސަރުކާރުގެ ކޯލިޝަނުން ޖޭޕީ ވަކިވެއްޖެކަމަށް ޕީޕީއެމްގެ ކައުންސިލުން ފާސް ކުރުމާ ގުޅިގެންނެވެ.
''ކޯލިޝަނުން ޖޭޕީ ވަކިވެއްޖެކަމަށް ކައުންސިލުން ވަނީ ފާސްކޮށްފައި، އެހެންކަމުން ޖޭޕީގެ ސްލޮޓްތައް ސަރުކާރާ ހަވާލުކުރުމަށް ޕީޕީއެމުން މިހާރު ވާނީ ރައީސަށް ދަންނަވާފައި.'' އަދީބު ވިދާޅުވިއެވެ.
ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވީ، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ހޯމްމިނިސްޓަރ ޢުމަރު ނަސީރާއި ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހީމާއި، އެންވަޔަރަންމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. މީގެ އިތުރަށް ސިޔާސީ މަޤާމުތަކުގައި ޖޭޕީގެ 29 ބޭފުޅުން އެބަތިއްބެވިއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ވިދާޅުވީ ޖޭޕީގެ ސްލޮޓްތައް ސަރުކާރަށް ނެގުމަށް ރައީސް އޮފީހަށް އަންގާފައިވާނަމަ، އެކަން މީޑިއާތަކާއި ހިއްސާކުރާނެ ކަމަށެވެ. އެކަމަކު ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން އެމަޤާމްތަކުން ވަކިކުރުމަށް ޕީޕީއެމްއިން ހުށަހަޅައިފައިވާކަންވެސް އަދި ނޫންކަންވެސް އޭނާ ޔަޤީންކޮށް ނުދެއްވިއެވެ.
ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ކޯލިޝަން ރޫޅުނުކަން ރަސްމީކޮށް އެޕާޓީއަށް އަންގާފައިނުވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު