އައު މަޖިލީހުގެ ރައީސް ކަމަށް މަސީޙު ހޮވައިފި

އެންމެ ވޯޓެއްގެ ތަފާތަކުން މަޖިލީހުގެ ނާއިބް ރައީސަކަށް ހޮވުނީ މޫސާ މަނިކު
image ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެންބަރު ޢަބްދުﷲ މަސީޙު

ރައްޔިތުންގެ އައު މަޖިލީހުގެ ރައީސް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެންބަރު ޢަބްދުﷲ މަސީޙު އިންތިޚާބު ކުރައްވައިފިއެވެ.

އޭނާ އެމަޤަމަށް ހޮވި ވަޑައިގެންނެވީ ވޯޓު ދެއްވި 84 މެންބަރުންގެ ތެރެއިން 43 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެވި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 39 ވޯޓެވެ.

މިވޯޓުގައި 84 މެންރުން ވޯޓު ދެއްވި ކަމަށްވިޔަސް ގުނާފައިވަނީ 82 ވޯޓެވެ. ނުގުނައި ދޫކޮށްލީ ބާތިލް 2 ވޯޓު ކަމަށް ކަމަށް ރައީސް ނާއިބު ރައީސް ހޮވުމަށް އެކުލަވައިލި ކޮމިޓީގައި ހިމެނިވަޑައި ގަންނަވާ އަނާރާ ނަޢީމް ވިދާޅުވިއެވެ.

ޤަވާއިދު ބުނާ ގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ލާންޖެހެނީ އެކަމަށް ޚާއްސަކޮށްފައިވާ ގަލަމުންނެވެ. ނަމަވެސް ބާތިލް ދެވޯޓު ކަރުދާހުގައި ފާހަގަ ޖައްސަވާފައިވަނީ އެހެން ކުލައަކުން ކަމަށްވެސް އަނާރާ ވިދާޅުވިއެވެ.

މަޖިލީހުގެ ނާއިބު ރައީސަކަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރ މޫސާ މަނިކެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 42 ވޯޓެވެ.

އޭނާއާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ، ޕީޕީއެމް މެމްބަރު ޢަބްދުއްރަޙީމް އަބްދުﷲ އަށް ލިބިވަޑައިގެންނެވީ 41 ވޯޓެވެ. މިވޯޓުގައިވެސް 84 މެންބަރުން ވޯޓު ދެއްވިއެވެ، ނަމަވެސް ގުނާފައިވަނީ 83 ވޯޓެވެ. ބާކީ ވޯޓަކީ ބާތިލް ވޯޓެކެވެ. އެވޯޓު ބާތިލްވީ ވޯޓުކަރުދާހުގައި ދެ ބޭފުޅުންގެ ގޮޅީގައިވެސް ފާހަގަ ޖަހާފައިވާތީއެވެ.

މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ނެގި ވޯޓުގެ ކަންކަން ހަމަޖައްސަވައިދެއްވީ މަޖލީހުގެ އިއްތިފާގުން ހޮވައިފައިވާ ފަސްމެންބަރުންގެ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދާއި، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއާއި، މަނަދޫ ދާއިރާގެ މެމްބަރު ޢުމަރު ޙުސައިނާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އާއި، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement