ދިވެހިސަރުކާރުގެ އެއްބާރުލުން އިންޑިއާއަށް ދެއްވާނެ ކަމުގެ ޔަޤީންކަަން ރައީސް ދެއްވައިފި

image ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސް ޔާމީން: ފޮޓޯ ރައީސް އޮފީސް

‏ދިވެހިސަރުކާރުން ދެވެންހުރި ހުރިހައި އެއްބާރުލެއްވުމެއް، ދިވެހި ސަރުކާރުން އިންޑިއާއަށް ‏‏ދެއްވާނެ ކަމުގެ ޔަޤީންކަން، އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ދެއްވައިފިއެވެ.

‏ރައީސް ޔާމީން މިޔަގީންކަން ދެއްވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައެވެ.

މިބައްދަލުވުުމުގައި ރައީސް ޔާމީން ވިދާޅުވީ ބޮޑުވަޒީރު މޯދީގެ ޒަޢާމަތުގައި، ދެޤައުމުގެ މެދުގައިއޮތް ޒަމާންވީ ގުޅުން ވަރުގަދަވެ ދަމަހައްޓަވާނެ ‏‏ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި، އިންޑިއާއިން އަދާކުރާ ލީޑަރޝިޕް، ރާއްޖެއިން ‏‏ބަލައިގަންނަ ކަމުގައިވެސް ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންނަ އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 ‏‏އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވަމުން، އިންޑިއާއަކީ އެންމެ ފުރަތަމަވެސް ރާއްޖެއާ ޚާރިޖީ ގުޅުން ‏‏ބަދަހިކުރި ޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދާ ހަމައަށްވެސް ‏‏ރާއްޖެއަށް ދެއްވަމުން ގެންދަވާފައިވާ އެއްބާރުލެއްވުން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ‏‏އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. ‏‏ ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި، އިންޑިއާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި، ‏‏މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ޚާއްޞަކޮށް، ރައީސް މައުމޫންގެ ޒަޢާމަތުގައި އުފެދިފައިވާ ގާތް ‏‏ގުޅުން ފާހަގަކުރެއްވިއެވެ. އަދި މިގުޅުން، ކުރިއަށް އޮތް ތާނގައި އިޢާދަކުރެވިގެންދާނެ ކަމަށް ‏‏ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި، ސާކްގެ މުހިންމުކަމުގެ މައްޗަށްވެސް ދެބޭފުޅުން ވާހަކަފުޅު ‏‏ދެއްކެވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު މޯދީ ‏‏ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ސާކްގެ ހުރިހާ ޤައުމުތަކުގެ އިސްވެރިންނަށް ދަޢުވަތު ދެއްވިކަން ‏‏އެއީ، ބޮޑުވަޒީރު މޯދީ، ސާކްގެ ކަންތައްތަކަށް ދެއްވާ އަހަންމިއްޔަތު ވަރަށް ބޮޑަށް ފާހަގަވެގެންދާ ‏‏ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

‏ސާކްގެ ކުރިމަގާ ބެހޭގޮތުން ބޮޑުވަޒީރު މޯދީ ވާހަކަފުޅު ދައްކަވަމުން، ދޭދޭ ‏‏ޤައުމުތަކުގެ މެދުގައި ހުރި މައްސަލަތަކަށްވުރެ، މިވަގުތު އިސްކަންދޭންޖެހެނީ، މި ސަރަޙައްދުގައި ‏‏ބާރުހުރި ޖަމާޢަތަކަށް ސާކް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ‏‏ޞިނާޢީ ދާއިރާތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ޚާއްޞަ ގޮތެއްގައި، ދެމެހެއްޓެނިވި ‏‏ހަކަތައިގެ ދާއިރާއާއި، ޖައްވު ހޫނުވުމާ ގުޅިގެން، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައްފަދަ ‏‏މައްސަލަތަކުގައި، ސާކުން އިސްނަގައިގެން، އެކަންކަން ބައިނަލްއަޤްވާމީ މައިދާނުގެ ސަމާލުކަމަށް ‏‏ގެނެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ނަން ހިނގާ ޖަމާޢަތަކަށް ސާކް ހެދުމުގެ މުހިންމުކަމުގެ ‏‏މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރު މޯދީ ވާހަކަފުޅު ދެއްކެވިއެވެ.‏

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :