މަޖިލީހުގެ ރައީސްކަމަށް ޤާސިމް ކުރިމަތިލައްވައިފިނަމަ ކޯލިޝަނުން ޖޭޕީ ވަކިވާނެ: ޕީޕީއެމް

ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލައްވައިފިނަމަ އެހިސާބުން ޕްރޮގްރެސިވް ކޯލިޝަނުން ޖޭޕީ ވަކިވާނެ ކަމަށް ޕީޕީއެމްއެމްގެ ކައުސިލުން ފާސްކޮށްފިއެވެ.
ޕީޕީއެމްއިން ފާސްކޮށްފައިވަނީ ޖޭޕީ ކޯލިޝަނުން ވަކިވުމަށްފަހު ސަރުކާރުގައި ތިބި ޖޭޕީގެ 4 ވަޒީރުން ވަކިކޮށް އެމަޤާމްތަކަށް ޕީޕީއެމްގެ ވަޒީރުން އައްޔަން ކުރެއްވުމަށް ސަރުކާރަށް ދަންނަވާ ގޮތަށެވެ.
މިކަން ހާމަކުރެއްވުމުގެ ގޮތުން ދެންމެ މީޑިއާގައި ވާހަކަ ދެއްކެވީ ޕީޕީއެމްގެ ދެ ނާއިބު ލީޑަރުން ކަމަށްވާ ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބާއި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމެވެ.
މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލެއްވުމާއި ނުލެއްވުމަށް ގޮތެއް ނިންމަވައި ކޯލިޝަން ސަލާމަތް ކުރެއްވުމާއި ނުކުރެއްވުންވެސް އޮތީ ޤާސިމްގެ އަތުގައި ކަމަށް އަދީބު ވިދާޅިވިއެވެ. މިކަމާ ގުޅިގެން ޢަބްދުއްރަޙީމް ވިދާޅު ކޯލީޝަންގެ މުހިންގެ ބައިވެރިއެއްގެ ގޮތުގައި ހުންނަވައިގެން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލެއްވުމަށް އެމްޑީޕީގެ ތާއީދު ހޯއްދެވުމަށް އެޕާޓީއާ މަޝްވަރާ ކުރުމަކީވެސް ކޯލިޝަންގެ އެއްބަސްވުމާ ޚިލާފަށް ޤާސިމް ނުވަތަ ޖޭޕީން ކުރިކަމެއް ކަމަށެވެ.
ޤާސިމް މިރޭވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ހިމެނޭ ގޮތަށް ޕެރަޑައިސް ރިސޯޓުގައި މަޖިލީހުގެ ބައެއް މެންބަރުންނަށް ފަރިއްކޮޅެއް ދެއްވާފައެވެ. މި ހަފްލާގައި ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ބައިވެރިވީ މަޖިލީހުގެ މިހާރުގެ ނާއިބު ރައީސް ނާޒިމެވެ.
މިފަދަ ބައްދަލުވުމެއް އެމްޑީޕީ މެންބަރުން ބައިވެރިކޮށްގެން ބޭއްވުމަކީ އެމީހުންގެ އެހީއާއެކު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވުމަށް ޤާސިމް ކުރެއްވި ކަމެއް ކަމަށް އަދީބު ވިދާޅުވިއެވެ. އެހެންވެ އެކަމަށް އޭނާވަނީ ފާޑު ވިދާޅުވެފައެވެ.
ޤާސިމް މިރޭ ޕެރަޑައިސް ރިސޯޓުގައި ވިދާޅުވެފައިވަނީ ސަރުކާރުން ޖޭޕީއަށް ދެއްވަން އެއްބަސްވެފައިވާ 30 ޕަސެންޓް ހިއްސާ ދެއްވައި ފުރިހަމަ ކުރެއްވުމަށެވެ. މިކަމާ ގުޅިގެން އަދީބު ވިދާޅުވީ އެ ޙިއްސާ މިހާރު އެޕާޓީއަށް އަދާކޮށްފައިވާނެ ކަމަށެވެ. ހެއްކެއްގެ ގޮތުގައި ދެއްކެވީ ސަރުކާރުގައި ތިއްބެވި ޖޭޕީގެ ހަތަރު ވަޒީރުންނެވެ.

ކިޔުންތެރިންގެ ހިޔާލު