މަޖިލީހުގެ ރައީސްކަމުން ނަން އަނބުރާ ނުގެންނާނަން: ޤާސިމް

މިމަހު 28 ވަނަ ދުވަހު ފަށާ އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިޢުލާން ކުރައްވާފައިވާ ޤާސިމް އިބްރާހީމްގެ ނަން އަނބުރާ ނުގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ މަޖިލީހާ އަލްވަދާޢު ވިދާޅުވާ ބޭފުޅުންނަށާއި އަލަށް މަޖިލީހަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަށް މިރޭ ބޭއްވި ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުންނެވެ. ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ދެއްވި ފަރިއްކޮޅު ފަށްޓަވަމުން އެމަނިކުފާނު ވިދާޅުވީ ކޮމެބޭފުޅަކު ވިދާޅުވިޔަސް ނަންއަނބުރައި ގެންދަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ޤާސިމް މިރޭވެސް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލެއްވީ ޕީޕީއެމްގެ އިސްބޭފުޅުންނަށް ދަންނަވާފައި ކަމަށެވެ. ނަމަވެސް އެފަހަރު އެކަން އެގޮތަށް ނުކުރެއްވުމަށް އެއްވެސް ބޭފުޅަކު ނުދަންނަވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެކަމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވާހަކަ ދެއްކެވި ކަމަށްވިޔަސް މިހާތަނަށް ވާހަކަވެސް ނުދައްކަވާ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން އިއްޔެ ވިދާޅުވީ ޤާސިމާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް ޤާސިމްވަނީ އެކަން ދޮގު ކުރައްވާފައެވެ.
ޤާސިމް ވިދާޅުވީ މަޝްވަރާ ކުރުމުގެ ބަދަލުގައި ޖޭޕީއަށް މިހާތަނަށް ލިބިފައިވަނީ ޕީޕީއެމް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ފޮނުއްވި ދެ ސިޓީ ކަމަށެވެ. އެސިޓީގައި ވިދާޅުވެފައިވާ ކަމަށް ޤާސިމް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރައީސަކަށް ކުރިމަތި ލެއްވުމަކީ ރޫހާ ޚިލާފު ކަމެއްކަމަށެވެ. އެހެން ކަމުން ޕީޕީއެމްއަކީ "ބޮޑުޕާޓީ" އަށްވުމުން އެޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކޮށްދެއްވުމަށް ކަމަށެވެ. ނަމަވެސް ޤާސިމް ރޭ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ޕީޕީއެމްއަށް ތާއިދު ކުރެއްވި ފަދައިން މިފަހަރުގެ މަޖިލިހުގެ ރައީސްކަމަށް އެމަނިކުފާނު ހޮއްވަވައި ދެއްވުމަށް ޕީޕީއެމްގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޤާސިމް ވިދާޅުވީ އެންމެފަހުވަގުތުވެސް ޕީޕީއެމްއިން މަޝްވަރާ ކޮށްފައި ނުވާކަމަށެވެ. "އެންމެފަހުން ރައީސް ޔާމީން ފުރާވަޑައިގަންނަވަމުން މިއަދު ވިދާޅުވަނީ އަޅުގަނޑުޖެހޭނީ އަޅުގަނޑުގެނަން އަނބުރާ ނަގާށޭ. އެހެން ނޫނީވިއްޔާ ތިމަންނާމެންގެ ކޯލިޝަނަށޭ ބުރޫއަރާދާނޭ. އަޅުގަނޑު ދެކޭގޮތުގައި ކޯލިޝަނަށް ބުރޫއަރަންޖެހޭ ސަބަބެއްނެތް. އެއީ ވަކިގޮތަކަށް ކަނޑަނޭޅި އޮތްއިރު މަޝްވަރާގެ ޓޭބަލްއަކަށް އެބޭފުޅުން ވަޑައެއްނުގަންނަވާ،" ޤާސިމް ވިދާޅުވިއެވެ.
މިރޭގެ ފަރިއްކޮޅުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ މަޖިލީހުގެ ނާއިބު ރައީސް އަޙުމަދު ނާޒިމެވެ. ނަމަވެސް ޖޭޕީއާއި، އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިހަފްލާ ކުރިއަށްދިޔައިރު ޓޫރިޒަމް މިނިސްޓަރ އަދީބުވަނީ މުލީއާގޭގައި ޕީޕީއެމްގެ މެންބަރުންނަށް ފަރިއްކޮޅެއް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު