މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ޖަލަށް ޙުކުމް ކޮށްފައިވާ މީހަކު ލަންކާގައި ބޭސްފަރުވާހޯދަނީ- ސަންޑޭޓައިމްސް

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެގެން 14 އަހަރަށް ޖަލަށް ޙުކުމްކޮށްފައިވާ މަސްތުވާތަކެތީގެ ބޮޑެއްކަމަށްވާ އިބްރާހީމް ޢަބްދުއްރައްޒާޤް "ސަފާ" އަވަށްޓެރި ސްރީލަންކާގައި ބޭސްފަރުވާ ކުރަމުންދާ ކަމުގައި ލަންކާގެ މަޝްހޫރު ނޫހެއްކަމުގައިވާ ސަންޑޭޓައިމްސްއިން ހާމަކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ސަފާ ވަނީ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރުމުގެ ކުށުގައި މިދިޔަ ނޮވެމްބަރުމަހު 14 އަހަރަށް ޖަލަށް ޙުކުމްކޮށް 75000 ދިވެހިރުފިޔާ (4860 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކޮށްފައެވެ.
ސަންޑޭ ޓައިމްސްއިން ހާމަކުރާ ގޮތުގާ މަސްތުވާ ތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ވިއުގައިގެ ބޮޑެއް ކަމަށްވާ ސަފާ ލަންކާއަށް ބޭސްފަރުވާއަށް ފޮނުވާލާފައިވާއިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް އޭނާ އެނބުރި އަންނާނެ ތާރީޚެއް އެނގިފައިނުވާކަމަށް ރާއްޖޭގެ މީޑިއާއިން ބުނާކަމަށެވެ.
ސަންޑޭޓައިމްސްގެ މިޚަބަރުގައި މައުލޫމާތު ދީފައިވާގޮތުގައި ސަފާއާ އެކު އެމްސީއެސްގެ އެއްވެސް އޮފިސަރެއް ގޮސްފައެއް ނުވެއެވެ.
ރާއްޖޭ ފުލުހުންގެ އިދާރާގެ ޑްރަގް އެންފޯސްމަންޓް ޑިޕާންޓްމެންޓް (ޑީއީޑީ) ކުރީގެ ވެރިޔާ މުޙައްމަދު ޖިނާޙް މާހިރާ ހަވާލާދީ ލަންކާގެ އެނޫހުން ހާމަކޮށްފައިވާގޮތުގައި ސަފާއަކީ 2006 ވަނަ އަހަރުން ފަށައިގެން މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުން ތަޙްޤީޤް ކުރަމުންދިޔަ މީހެކެވެ.
ސަންޑޭޓައިމްސް އިން ބުނާގޮތުގައި ސަފާގެ މަސްތުވާތަކެތީގެ ވިޔަފާރީގެ މިވިއުގަ ލަންކާގެ ބަޔަކާވެސް ވަނީގުޅިފައެވެ. ޖިނާހާ ހަވާލާދީ އެނޫހުން މައުލޫމާތުދީފައިވާގޮތުގައި ސަފާގެ ވިއުގައިން ރާއްޖެއިން ލަންކާއަށް ގިނަ އަދަދެއްގެ ފައިސާތަކެއް އޭޖޭ އެމްޕޯރިއަމްކިޔާ ތަނެއް މެދުވެރިކޮށްވަނީ އެކިފަހަރު މަތިން ފޮނުވާފައެވެ. އަދި އެވިއުގައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ބެލެވެނީ ސްރީލަންކަން އެއަރލައިންގެ މަގުން ކަމަށްވެސް ޖިނާޙް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެނޫހުން ހާމަކޮށްފައިވާ ގޮތުގައި ސަފާ އޭނާގެ އާއިލާއާއި އެކު ލަންކާއަށް ފުރުވާލާފައިވާއިރު އޭނާއަކީ ޤައިދީއެއް ކަމަށް ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލް ސިސްޓަމުން ފެންނަން ނެތްކަމަށެވެ.
ސަފާ ލަންކާއަށް ފުރުވާލުމުގައި މިހުރިހާ ސުވާލުއުފެދޭ ކަންތައްތައް ހުރުމާއެކުވެސް ޕްރިޒަންސް ކޮމިޝްނަރ މޫސާ އާޒިމް ވިދާޅުވެފައިވާގޮތުގައި ސަފާ ލަންކާއަށް ބޭސްފަރުވާއަށް ފުރުވާލާފައިވަނީ ކުރަންޖެހޭ ހުރިހާ ޕްރޮސީޖަރ އެއް ފުރިހަމަކޮށްފައެވެ.
"މެޑިކަލް އޮފިސަރ ކޮންމެހެން ދާކަށް ނުޖެހޭ ކުށްވެރިޔާއާއި އެކު. އޭނާއަށް ފުރަން ހުއްދަދެވުނީ އޭނާގެ އާއިލާއާއިއެކު އެއްބަސްވުންތަކެއް ވެގެން. އޭނާ ކޮށްފާނެކަމަކަށް އޭނާގެ އާއިލާ ޒިންމާނަގަންޖެހޭނެ. އެއީ އޭނާ ރާއްޖެ އަނބުރާ ނައިކަމުގައިވިޔަސް. އެކަމުގެ ޒިންމަވެސް އާއިލާއިން ނަގާނެ،" އާޒިމް މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.
ސަފާ ހައްޔަރުކޮށްފައިވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޕީޕީއެމްގެ އަޙްމަދު ސަލީމްގެ (ރެޑްވޭވް ސަލީމް) އިމާރާތެއްގައި ކުށްޔަށް ހިފާފައިވާ އެޕާޓްމަންޓަކުން 896 ގްރާމް ހެރޮއިން ނުވަތަ "ހަކުރު" އާ އެކުއެވެ.
ޖަލުތަކާ ބެހޭ ގާނޫނު ބުނާގޮތުގައި ޖަލަށް ހުކުމް ކޮށްފައި ހުންނަ މީހަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހޭދަކުރާ ދުވަސްތައްވެސް ހުކުމުގެ މުއްދަތުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު