ލައިސަންސްނެތި ރީބްރޯޑްކާސްޓް ކުރާ މައްސަލަހައްލު ކުރުމަށް ފުލުހުންގެ އެހީއަށް އެދެފި

ލައިސަންސްނެތި ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރާ މައްސަލަހައްލު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފުލުހުންގެ އެހީއަށް އެދެފިއެވެ.

 އެކޮމިޝަނުން މިކަމަށް އެދިފައިވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި ފުލުހުންނާއި ބޯރޯޑްކާސްޓިންކޮމިޝަނުންވަނީ ލައިސަންސްނެތި ރީބްރޯޑްކާސްޓް ކުރާ ފަރާތްތައް ދެނެގަނެ، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ލައިސަންސް ނުނަގައި ރީބްރޯޑްކާސްޓް ކުރަމުންދާކަން ހާމަކޮށްފައެވެ.

އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުއްދަނެތި ބައެއް ފަރާތްތަކުން ބޮޑެތި އަގުތަކުގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުންދާތީ އެކަމާގުޅިގެން އެކޮމިޝަނުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިބައްދަލުވުމުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ހުރިހާ ފަރާތްތަކަށް ބާރުއަޅާފައެވެ. އެގޮތުން މިޚިދުމަތްދޭ ހުރިހާ ފަރާތްތަކެއްވެސް ރަޖިސްޓްރީ ކުރަން ޖެހޭކަން އެކޮމިޝަނުން އިޢުލާނުކޮށް އެކަމަށް ވަގުތު ދިނުމަށްފަހު ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުވައި ރަޖިސްޓްރީ ނުކުރަނީސް އެޚިދުމަތް އަލުން ނުދެވޭނެ ގޮތަކަށް އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށްވެސް ފުލުހުންގެ ކިބައިން އެދިފައި ވެއެވެ.

މިހާތަނަށް ރާއްޖޭގައި ކޭބަލް ޓީވީ ހިންގާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން މިޚިދުމަތް ދެނީ މަދުފަރާތަކުންކަން ބްރޯޑުކާސްޓިންގ ކޮމިޝަނުން ވަނީ ފުލުހުންނަށް މަޢުލޫމާތު ދީފައެވެ. އެކޮމިޝަނުން ހުށަހެޅި ހުށަހެޅުމާއެކު ޤާނޫނާ އެއްގޮތަށް ކަންކަން ފުރިހަމަ ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރާ ފަރާތްތައް ހުއްޓުވުމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ކުރާ މަސައްކަތުގައި ފުލުހުންގެ ފަރާތުން ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.

މިމަސައްކަތް ކުރިޔަށް ގެންދިއުމަށް މިހާރު ކޮމިޝަނުން އެކުލަވާލާފައިވާ ޤަވާޢިދަށް ގެންނަންޖެހޭ އިޞްލާޙް ގެނެސް ވީއެންމެ އަވަހަކަށް ރައްޔިތުންނަށް އެކަން އެންގުމަށް ފުލުހުން ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް