އަންނަ އަހަރަށް 17.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް
އަންނައަހަރަށް ލާފާކޮށް 17.5 ބިލިއަންރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައި މިއަދު އެއަށް ބަހުސްކުރަން ފަށައިފިއެވެ.
މިއަދު ބަހުސްކުރަން ފަށާފައިވާ ބަޖެޓަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ގެ ސަރުކާރުން 2014 ވަނަ އަހަރަށް އަންދާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 16.4 ބިލިއަން ރުފިޔާގެ ބަޖެޓް އިސްލާހު ކުރުމަށްފަހު މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓެކެވެ.
މިބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ސުވާލު ކުރައްވާފައިވަނީ ބަޖެޓް މިހާބޮޑުވީ ކީއްވެތޯއެވެ. މިއަށް ޖަވާބު ދެއްވަމުން ސަރުކާރަށް ތާއިދުކުރާ ބައެއް މެންބަރުން ވިދާޅުވެފައިވަނީ ބަޖެޓަކީ ލިޔެފައިވާ އެއްޗެއް ކަމުން އެހުރިހާ އެއްޗެއް ފެންނަން އެބަހުރި ކަމަށެވެ. އެހެން ކަމުން ބަޖެޓުގެ މަސައްކަތް އަވަހަށް ނިންމައި ފާސްކުރުމަށް އެމެންބަރުން ވަނީ ވިދާޅުވެފައެވެ.
ބެޖެޓުބަހުސްގައި ބައެއް މެންބަރުން ވިދާޅުވެފައިވަނީ ރައްޔިތުންނަށް ދެ ކަމެއް އެނގެންޖެހޭ ކަމަށެވެ. އެއީ ބަޖެޓުގެ ޚަރަދު ބޮޑުވި ސަބަބާއި އާމްދަނީ ހޯދުމަށް ޓެކްސް ނަގާނީ ކޮންދިމާއަކުންތޯ ރައްޔިތުންނަށް އެނގުން ކަމަށެވެ. ޖީއެސްޓީ އިތުރުކުރާ ކަމަށްވާނަމަ އެކަމަށް ރައްޔިތުން ކަންބޮޑުވާނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
ބަޖެޓަށް އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރު ކުރުމަށްފަހު ސަރުކާރަށް ދައްކަން ޖެހޭ ކުލި އެއްފަހަރާ ނެގުން ހިމެނެއެވެ. އެގޮތަށް އަމަލުކޮށްފި ކަމަށްވާނަމަ ބަޖެޓަށް 1.2 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ އެކަން ކުރެވޭނީ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ. އެއީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތެއް ކަމުން އެކަމަށް ތާއިދު ކުރައްވާނެ ކަމަށެވެ.
ބަޖެޓަށް އަމްދަނީ އިތުރު ކުރުމަށް އިމްޕޯޓް ޑިއުޓީ ރިވައިސްކުރުމާއި ޓީޖީއެސްޓީ މިހާރުގެ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑުކުރުމަށް ހިމަނާފައިވެއެވެ. އަދި ޓޫރިޒަމް ޓެކްސް އުވާނުލައި ކުރިއަށް ގެންދިއުމަށްވެސް ހިމަނާފައިވެއެވެ. އާމްދަނީ އިތުރުކުރުމަށް އަޅާފިޔަވަޅުތަކުގެ ތެރޭގައި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ބިދޭސީންގެ އަތުން ނަގާ 18.5 ޑޮލަރު 25 ޑޮލަރަށް ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ޓޫރިސްޓް ރިސޯޓްގެ ގޮތުގައި 12 ރަށެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމަށްވެސްވަނީ ނިންމާފައެވެ. މީގެ އިތުރަށް މުވާސަލާތީ ޚިދުމަތުން ޖީއެސްޓީ ނަގަން ވެސް ބަޖެޓުގައި ހުށަހަޅާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އާމްދަނީ 14.1 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ކުރިން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.9 ބިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ހިޔާލު