އިންސާނީ ހައްގުތަކާބެހޭ ގޮނޑި ރާއްޖެ ދެވަނަފަހަރަށް ކާމިޔާބިކޮށްފި

އދ.ގެ އިންސާނީ ޙައްޤުތަކާ މަޖިލީހުގެ ގޮނޑިއެއް، ވިދިވިދިގެން ދެވަނަފަހަރަށް ރާއްޖެއިން ކާމިޔާބު ކޮށްފިއެވެ.

ރާއްޖެއިން މި ގޮނޑި ކާމިޔާބުކޮށްފައިވަނީ، ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިމަހުގެ 12 ވަނަދުވަހު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ނެގިވޯޓުންނެވެ. ރާއްޖެ މިގޮނޑި ކާމިޔާބު ކުރެއްވީ 164 ޤައުމުގެ ތާއީދު ހޯއްދަވައިގެންނެވެ. މިގޮނޑި ދެވަނަ ދައުރަކަށް ރާއްޖެއިން ފުރަން ފަށާނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މިއީ ތިންއަހަރުން ތިންއަހަރުން ހޮވާގޮނޑިއެކެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ގޮނޑި، ރާއްޖެއިން ފުރަތަމަފަހަރަށް ކާމިޔާބުކުރީ 2010 ވަނަ އަހަރުއެވެ. އެ މަޖިލީހުގެ މެންބަރު ކަމުގެ ގޮނޑި ރާއްޖެއިން ފުރަންފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. އެހިސާބުން ފެށިގެން ރާއްޖެއިން ގެންދަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދިމާވާ ބޮޑެތި މައްސަލަތަކުގައި ވަކާލާތް ކުރަމުންނެވެ. ޚާއްސަކޮށް އިސްލާމީ ޤައުމުތަކަށާއި ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތަކުގައި، ރާއްޖެއިން ވަނީ އަޑު އުފުލަމުން ކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ބަދަލެއް އައިނަމަވެސް، އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި ރާއްޖެއިން ގެންގުޅެމުންދާ ސިޔާސަތުތަކަށް ބަދަލެއްނުގެނެސް، މިހާރުވެސް ގެންދަނީ އެ ސިޔާސަތުތައް ކުރިއަރުވަމުން ކަމަށެވެ.

ރާއްޖެއިން މިގޮނޑި ކާމިޔާބު ކުރުމުން ރައީސް ޑރ. ވަހީދުވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މިގޮނޑި ކާމިޔާބު ކުރެއްވުމަށް މަސައްކަތްކޮށްދެއްވި ފަރާތްތަކަށް އެމަނިކުފާނުވަނީ ޝުކުރު ދަންނަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement