ސަލާމަތީ ޚިދުމަތްތަކާ ބެހޭ މުއައްސަސާތައް ބައިބައި ކުރުމުގެ ވިސްނުން ދޫކޮށްލަންޖެހޭ: އާޒިމާ

ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ދެ މުއައްސަސާ ކަމަށްވާ ފުލުސް އޮފީހާއި އެމްއެންޑީއެފް ސިޔާސީ ގޮތުން ބައިބައި ކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކުން އެކަން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކުރު މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުށްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ތަރައްގީގެ ރާސްތާގައި ސަލާމަތީ ޚިދުމަތްތަކާބެހޭ މުއައްސަސާތައް ސިޔާސީ ގޮތުން ބައިބައި ކުރުމުގެ ވިސްނުން ބައެއް މީހުން ގެންގުޅޭ ކަމަށެވެ. އެވިސްނުމަކީ މިހާރުން ފެށިގެން ހުއްޓާލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހަކީ ސިފައިންނާއި ފުލުހުންގެ ކުރިމަތިލުމެއް ހިނގި ދުވަހެއް ކަމަށެވެ. އެއީ ވަރަށް ނުރައްކާތެރި ހިތާމަހުރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ދުވަސްތައް ރާއްޖޭގައި ތަކުރާރުކޮށް ހިނގުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދަކީ 1988 ވަނަ އަހަރު ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަސް ކުރިމަތިވި އުދުވާނީ ހަމަލާ ހިނގިތާ 25 އަހަރު ފުރުނު ދުވަހެވެ. އެދުވަސް ރާއްޖެއަށް އައިސްފައިވަނީ އެކަމުގެ ތެރޭގައި ނުވަތަ އެކަން ރޭވުމުގައި ދިވެހިންގެ ބަޔަކު ތިބެގެން ކަމަށެވެ. އެފަދަ ކަންކަން ރާއްވައި ހިންގުމުގައި އެފަދަ ކަންކަމުން ދިވެހިރާއްޖެ ސަލާމަތް ކުރާނެ ދިވެހިދަރިންވެސް ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އެހަމަލާއަކީ ދިވެހިން "ނިދިން ހޭލައްވާލި" ދުވަހެއް ކަމަށެވެ. އެހެން ކަމުން އެދުވަހުގެ ހަނދާންތައް މިއަދު އާކުރަމުންދާއިރު އެދުވަހު ހޭލައްވާލި ރައްޔިތުން މިއަދު ތިބީ ހޭލާތޯ ބެލުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އާޒިމާ ވިދާޅުވީ މިއަދަކީ އެދުވަހު ﷲ ދެއްވި މަތިވެރި ނަސްރާއި ނިއުމަތުގެ މަތިން ހަނދަން ކުރަންވީ ދުވަސް ކަމަށެވެ. އެފަދަ ބާރުތަކާ ދިވެހިން ކުރިމަތިލައި ކާމިޔާބު ހޯދާފައިވަނީ ދިވެހިންގެ މިސްރާބު އެކައްޗަކަށްވުމުން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހިންނަކީ އެއްބަހަކުން ވާހަކަ ދައްކާ މިނިވަން އަދި އިސްލާމްދީނަށް ތަބާވާ ބައެއް ކަމަށެވެ.

އާޒިމާ ވިދާޅުވީ ރާއްޖޭގައި އޮންނަންވާނީ ހަމައެކަނި އިސްލާމްދީނޭ ބުނާބުނުމަށް ޖަދަލު ކުރާ މީހުންވެސް ރާއްޖޭގައި މިހާރު އެބަތި ކަމަށް ވިދާޅުވިއެވެ. މިއީ އަދުގެ ހަގީގަތް ކަމަށެވެ. މިއަދުގެ ކިޔަވާކުދިންނަށް ކަންކަމުގެ ހަގީގަތް އެނގެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ގައުމަށް ދިމާ އުދުވާންތަކުން ގައުމު ސަލާމަތްވެފައިވަނީ ދިވެހިން ދައްކާފައިވާ އެކުވެރިކަމާއިﷲ ގެ ރަހުމަތް ފުޅުން ކަމަށެވެ. 

 ފިކުރު ތަފާތުވާ މީހުން މެރުމާއި އިގްތިސާދު ހަލާކުވެގެން ދިއުމަކީ މައްސަލައެއް ނޫންކަމަށް ވެސް މުޖުތަމައުގައި ހިމެނޭ ބައެއް މީހުން ގަބޫލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ޑިމޮކްރަސީގެ ނަތީޖާއަކީ ގައުމު ބައިބައިކޮށް ސުންނާފަތިކޮށްލުން ކަމަށް ވެގެން ނުވާނެ ކަމަށެވެ. ނަމަވެސް މިކަން މިގޮތަށް ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް