ރާއްޖެޓީވީއަށް ހަމާލާދޭން އުޅޭކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްދެއްވުމަށް އެދިއްޖެ

ރާއްޖެ ޓީވީއަށް ދެވަނަ ފަހަރަށް ޙަމަލާ ދިނުމަށް ބަޔަކު ރާވަމުންދާކަމުގެ މަޢުލޫމާތު ރާއްޖެ ޓީވީއަށް އިތުބާރު ހުރި ގޮތެއްގައި ލިބިފައިވާތީ އެމައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްދެއްވުމަށް އެޓީވީގައި ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މިފަދަ މައުލޫމާތެއް ރާއްޖެޓީވީއަށް ލިބިފައިވާ ކަމަށް ބުނެ އެތަނުން މިއަދު ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެން ކަމުން "އެފަދަ މަޢުލޫމާތު ފުލުހުންނާއި ޙިއްސާކޮށްދެއްވުމަށް ފުލުހުން ރާއްޖެ ޓީވީގައި އެދިއްޖެ" ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރާއްޖެ ޓީވީއަށް ލިބިފައިވާ އެމަޢުލޫމާތު ފުލުހުންނާ ޙިއްސާ ކޮށްދެއްވުމަށް އެދި މިއަދުވަނީ އެޓީވީއަށް ސިޓީއެއް ފޮނުވާފައެވެ. "ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަޒީމް ވަޙީދު ސޮއިކުރައްވައި ރާއްޖެ ޓީވީގެ ސީ. އީ. އޯ އަކްރަމް ކަމާލުއްދީނަށް ފޮނުވި ސިޓީގައި ބަޔާން ކޮށްފައިވަނީ ރާއްޖެ ޓީވީއަށް ގެއްލުންދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދާތީ އެމައްސަލައާއި ގުޅިގެން އެފަރާތަށް ލިބިފައިވާ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤަށް ބޭނުންވާ ކަމަށެވެ."

ފުލުހުން ބުނެފައިވަނީ ރާއްޖެ ޓީވީ އަށް ޙަމަލާދިން މައްސަލަ ތަޙުޤީޤުކޮށް އެކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެކަމާއި ގުޅޭގޮތުން އެ ޓީވީއަށް ލިބިފައިވާ މަޢުލޫމާތުތައް ވީހާވެސް އަވަހަށް ފުލުހުންނަށް އަންގަވައި ދެއްވުމަށެވެ. މިކަމާ ގުޅިގެން ރާއްޖެ ޓީވީން ގުޅަންޖެހޭ 2 ފުލުހެއެގެ ރޭންކާއި ނަމާއި ފޯނު ނަމްބަރުވެސް ވަނީ ރާއްޖެ ޓީވީއަށް އަންގާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މީގެއިތުރުން ރާއްޖެ ޓީވީން އެޓީވީއަށް ޙަމަލާދޭން ރާވާފައިވާކަމަށް އިތުބާރުހުރި ގޮތެއްގައި މަޢުލޫމާތު ލިބިފައިވާކަން ބަޔާންކޮށް ފުލުހުންގެ ސެކިއުރިޓީއަށް އެދި މިއަދު ފޮނުވި ސިޓީއަށްވެސް ފުލުހުން ވަނީ ޖަވާބު ދީފައެވެ. ރާއްޖެޓީވީން ފޮނުވި ސިޓީގެ ޖަވާބުގައި ފުލުހުން ބަޔާންކޮށްފައިވަނީ ވަކިވަކި ތަންތަނުގެ ސެކިއުރިޓީ އަށް މީހުން ބައިތިއްބައިގެން އެފަދަން ތަންތަން ބެލެހެއްޓުމުގައި ދަތިތަކެއް ހުރިނަމަވެސް ޚާއްޞަ ސަމާލުކަމެއް ދީގެން އެޓީވީ ހުންނަ ޢިމާރާތާއި އެސަރަޙައްދު ބަލަހައްޓަމުން ގެންދާނެ ކަމަށެވެ." ނަމަވެސް ޢިމާރާތްތައް ބެލެހެއްޓުމަށް ޕްރައިވެޓް ސެކިއުރިޓީން ބޭތިއްބުމަކީ ވަރަށް ބޮޑަށް ފެންނަކަމެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ.

"ރާއްޖެ ޓީވީއަށް ބަޔަކު ޙަމަލާދިންފަހުން ރާއްޖެޓީވީ ހުންނަ ޢިމާރާތުގެ ސެކިއުރިޓީ 24 ގަޑިއިރު ފުލުހުން ދަނީ ސްޓެޓިކްކޮށް ބަލަހައްޓަމުން" ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް