ދައުލަތުގެ ބަންޑާރަ ނާއިބުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ދައުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޒާ އާޒިމާ ޝަކޫރުގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގިއިތުބާރުނެތް ކަމުގެ ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ ތެރެއިން 41 މެންބަރުންވަނީ އާޒިމާގެ އިތުބާރެއް ނެތް ކަމަށް ވޯޓުދީފައެވެ. އޭނާއާ އެކޮޅަށް ވޯޓުދީފައިވަނި 5 މެންބަރުންނެވެ.

މިވޯޓުގައި ޕީޕީއެމްގެ މެންބަރު އަހުމަދު މަހުލޫފުވަނީ އާޒިމާއާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. ޖުމްހޫރީޕާޓީން ވޯޓުދީފައިވަނީ އާޒިމާއާ އެއްކޮޅަށެވެ. އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ 39 ވޯޓެވެ.

އާޒިމާއާ ދެކޮޅަށް ވޯޓު ދިނުމަށްފަހު ބައެއް މީޑިއާގައި މަހުލޫފު ވިދާޅުވެފައިވަނީ އާޒިމާއަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ބޭފުޅެއް ނޫންކަމަށެވެ.

އާޒިމާގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީންނެވެ.

މިމައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަމުން އެމްޑީޕީގެ މެންބަރުން ވިދާޅުވެފައިވަނީ ބަންޑާރަނާއިބަކީ ދައުލަތުގެ ފަރާތުން ދައުލަތާއި ދައުލަތުގެ މުއައްސަސާތައް ހިމާޔަތް ކުރުމަށް ވަކާލާތު ކުރަންޖެހޭ ބޭފުޅެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ މުއައްސަސާއެއް ކަމަށްވާ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އާޒިމާ ސްޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާފައިވާ ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ކަމަށްވެސް ވިދާޅުވިއެވެ.

ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ މެންބަރު މާވަށު ދާއިރާގެ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ އާޒިމާގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އޭނާ ރަނގަޅަށް ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ކަމުން އެމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރަނގަޅަށް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށްވެސް އޭނާއާ އެއްކޮޅަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވެފައިވަނީ އާޒިމާ މަސައްކަތް ކުރައްވަމުން ގެންދެވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ހިމާޔަތް ކުރެއްވުމަށް ކަމަށެވެ.

އާޒިމާގެ އިތުބަރުނެތް ކަމަށް މިއަދު ފާސްކުރި އިރު އާލާސްކަންފުޅާ އުޅުއްވާތީ މިއަދު މަޖިލިހަށް ހާޒިރުވެ ވަޑައެއް ނުގަންނަވައެވެ. އެކަމަނާ ވިދާޅުވެފައިވަނީ މަޖިލީހުގައި ޖަވާބުދާރީވެ ވަޑައިގަންނަވަން ބޭނުންފުޅުވަނީ އަނގަ ބަހުން ކަމަށެވެ.

އަނގަބަހުން ޖަވާބުދާރީ ވުމަށް އާޒިމާ ތައްޔާރު ކޮށްފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ އޭނާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރަނީ ރައީސް ނަޝީދު ވެރިކަމަށް އަލުން ވަޑައިގަތުމަށް ހުރަސް އަޅުއްވާތީ ކަމަށް ވާ ނަމަ އެއީ ގައުމަށްޓަކައި އޭނާ ވެވަޑައިގަންނަވާ "ގުރުބާނީއެއް" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement