ފަސްޓް ލެފްޓިނެންޓް ޢަބްދުﷲ ޝަރީފް ސަސްޕެންޑް ކޮށްފި

ސިފައިންގެ އޮފިސަރެއް ކަމަށްވާ ފަސްޓް ލެފްޓެނަންޓް ޢަބްދުﷲ ޝަރީފު ސަސްޕެންޑް ކުރައްވައިފި ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައިފިއެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އޭނާ ސަސްބެންޑް ކުރީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެއްދުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ "ސިފައިންގެ ވަޒީފާއާއިބެހޭ ޤަވާޢިދުގެ ހަތްވަނަ ބާބުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން" ކަމަށްވެސް ބުނެފައިވެއެވެ.

އޭނާ ސަސްޕެންޑްކޮށްފައިވަނީ އޮކްޓޯބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކިހާދުވަހަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.މީގެ އިތުރަށްވެސް ސިފައިންގެ ދެ ބޭކަލަކުވަނީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ސަސްޕެންޑް ކޮށްފައެވެ. އެދެބޭކަލުންނަކީ ސަރޖަންޓް ފަސްޓް ކްލާސް ޢަލީ ވަޙީދާއި، ލާންސް ކޯޕްރަލް ޝަހުރާބު ރާޝިދެވެ.

ސަރޖަންޓް ފަސްޓް ކްލާސް ޢަލީ ވަޙީދު ސަސްޕެންޑް ކުރެވުނީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އުފެއްދުމުގެ ތުހުމަތުގައެވެ. އަދި ލާންސް ކޯޕްރަލް ޝަހުރާބު ރާޝިދު ސަސްޕެންޑް ކުރެވުނީ ސިފައިންގެއާގުޅޭ މަޢުލޫމާތު ހާމަކުރަންނުޖެހޭ ފަރާތްތަކަށް ހުއްދަނެތި ހާމަކުރުމާގުޅިގެން ކަމަށްވެސް އެމްއެންޑީއެފްގެ ވެބަސައިޓުގައި ބުނެފައިވެއެވެ.

މިދެބޭކަލުން ސަސްޕެންޑްކޮށްފައިވަނީ ސިފައިންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ ހަތްވަނަ ބާބުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާގޮތުގެ މަތީން ކަމަށްވެސް ބުނެފައިވެއެވެ. މިބޭކަލުންވެސް ސަސްޕެންޑް ކޮށްފައިވަނީ ކިހާދުވަހަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް