އަށުތިރީސް މެންބަރުންގެ ވޯޓާއެކު އާޒިމާއަށް ރުހުންދީފި
ދައުލަތުގެ ބަންޑާރަ ނާއިބު ކަމަށް ރައީސް ޑރ. މުޙަންމަދު ވަހީދު ދެވަނަ ފަހަރަށް އައްޔަން ކުރެއްވި ޢާއިޝަތު އާޒިމާ ޝަކޫރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ބަންޑާރަ ނާއިބު ކަމުގައި އެކަމަނާއިންނެވުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވި 69މެންބަރުންގެ ތެރެއިން 38 މެންބަރުންނެވެ. ނުފެންނަކަށް 31 މެންބަރުން ވޯޓުދެއްވާފައިވެއެވެ. ރުހުން ދިނުމަށް ފާސްކުރުމަށް ބޭނުންވަނީ ފަންސަތިރީސް (35)ވޯޓެވެ.
ރައީސް ވަހީދު އާޒިމާ މިމަގާމަށްއައްޔަން ކުރެއްވީ ޖެންޑަރ މިނިސްޓަރުކަމަށް އޭނާއަށް މަޖިލިހުން ރުހުންނުލިބުމުންނެވެ. އެފަހަރު ރުހުން ނުލިބުނީ ޕީޕީއެމް އިން އާޒިމާއަށް ވޯޓުނުދިނުމުންނެވެ. އެޕާޓީގެ ޕާލަމެންޓްރީގްރޫޕުގެ ރައީސް ޢަބަދުﷲ ޔާމީންވިދާޅުވެފައިވަނީ އާޒީމާއަށް ޕީޕީއެމް އިން ވޯޓު ދެއްވާނީ އޭނާ ބަންޑާރަނާއިބަކަށް ހަމަޖެއްސުމުން ކަމަށެވެ. އެވިދާޅުވުމާ އެއްގޮތަށް ޕީޕީއެމްއިންމިއަދުވަނީ އާޒިމާއާ އެއްކޮޅަށް ވޯޓު ދީފައެވެ. އާޒިމާއާ ދެކޮޅަށް ވޯޓުދީފައިވަނީއެމްޑޕީގެ މެންބަރުންނެވެ.
ޔާމީން ވިދާޅުވެފައިވަނީ ބަންޑާރަނާއިބު ކަމަށް އެންމެ އެކަށީގެން ވަނީ އާޒިމާ ކަމަށެވެ. އެހެންކަމުން އެނޫން މަގާމަކަށްއޭނާއަށް ޕީޕީއެމުން ތާއީދު ނުކުރާނެ ކަމަށްވެސް ޔާމީން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު