މިނިވަން 50 – މިވަރުން މިއަދަށް ފުދޭހެއްޔެވެ؟
ޝުކުރުވެރިކަމާއި އުފާވެރިކަން ހުއްޓެވެ. މިނިވަންކަމުގެ ނިއުމަތަށްޓަކައެވެ. ސާބަހާއި ތައުރީފު ހުއްޓެވެ. މިނިވަންކަމުގެ ބަތަލުންގެ ގުރުބާނީ އަށްޓަކައެވެ. އަދަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ބައިގަރުނުވީ ދުވަހެވެ. މިއަދުގެ އިރު ދިވެހި އުދަރެހުން ފާއްދާލީ ހިނިތުންވުމުގެ ދޯދިތަކާއެކުގައެވެ. މިހިނދު ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރެއިން މުހިންމު ކަންކަމަށް ބަލައިލުމަކީ އޮތްކަމެކެވެ.
މީލާދީން 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހު 16 ވަނަ ތާރީޚާއި 23 ވަނަ ތާރީޚުގައި ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާ ދެމެދު ބަދަލުކުރެވުނު ދެ ސިޓީފުޅެއްގެ ސަބަބުން ދިވެހި ގައުމު ވަނީ އިނގިރޭސިންގެ ހިމާޔަތުގެ އުނގަށް ވެއްޓިފައެވެ. ދިވެހި ތަޚުތައް ވެރިއަކު އިސްކުރެވެނީ އިނގިރޭސީންގެ ރުހުން އޮވެގެންނެވެ. ދިވެއްސަކަށް ސިލޯނު ނޫން ތާކަށް ދެވެނީ އިނގިރޭސި ޕާސްޕޯޓެއް އޮވެގެންނެވެ. އެކަމަކު ބުނެވެނީ ދިވެހިންގެ ކަންކަމާ އިނގިރޭސިން "ނުބެހޭ" ކަމަށެވެ. ތެދެކެވެ. ނުބެހެނީ ރާއްޖެ އަށް ރަނގަޅުގޮތް ހޯދައިދިނުމާއެވެ. އެމީހުން "ބެހުނު" ގައުމުތަކުގެ ތެރެއިން އިންޑިއާ އާއި ސިލޯނުގެ ބަނދަރުތަކާއި މަގުތަކާއި ރޭލްވޭތައް ހެދި، ޔުނިވަރުސިޓީތައް ގާއިމު ކުރެވުނެވެ. ޑިމޮކްރަސީ ގާއިމްކުރެވުނެވެ. އިލްމާއި ތަމައްދުނުގައި ކުރިއަރައި ދިއައެވެ. މިއިން އެއްވެސް ރޮނގަކުން އިނގިރޭސިން ދިވެހިރާއްޖެއަކާ ނުބެހެއެވެ.
ރާއްޖޭގެ މަޝްހޫރު ތާރީޚު ލިޔުންތެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވާ ގޮތުގައި ދިވެހި ތަޚުތަށް ދިވެހިން އިންތިޚާބު ކުރި ޢަބްދުލް މަޖީދު ދީދީ އަށް ތަޚުތުގައި އިށީނދެ ވަޑައި ނުގެންނެވުނީ އިނގިރޭސި ދައުލަތުން "އެ ދުއާގައި އާމީން ނުކިޔުމުގެ ސަބަބުން"ނެވެ. ސަބަބުތަކެއް ހުރެގެން ވިޔަސް އިނގިރޭސީން އެކަން ކުރިޔަ ނުދިނީއެވެ. އެކަމަކު ނުބެހެއެވެ. ދިވެހި ދައުލަތުގެ ބާރުވެރިކަމުގެ ދަށުން ދިވެހި ރައްޔިތުންތަކެއް ޖަހައިގަނެގެން އިނގިރޭސިން ގެންގޮސްފައިވަނީ ވަރަށް ވެސް ފާޅުގައެވެ. އެކަމަކު ނުބެހެއެވެ. އިނގިރޭސި ސަފީރު އެ އަމަލު ދިފާއުކުރެއްވީ ހިމާޔަތުގެ އެއްބަސްވުމާ ހަވާލާދެއްވަމުންނެވެ. އެކަމަކު ނުބެހެއެވެ.
ނުބެހުނަސް ބެހުމުގެ އުނދަގޫތައް ދިވެހިން ދިޔައީ ތަހައްމަލް ކުރަމުންނެވެ. އެއިން މިންޖުވޭތޯ މަސައްކަތްތަކެއް ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން "ޖިޒީ ކަނޑައިލުމުގެ" އެއްބަސްވުމުގައި 1948 ވަނަ އަހަރު ސޮއިކުރެވުނެވެ. އެއްގޮތަކުން ބަލާއިރު ޖިޒީ ކެނޑުނަސް ހިމާޔަތުގެ އެއްބަސްވުމަށް ވުރެ ފާޅުކަން ބޮނޑުކޮށް ބަނދެވިގެން ދިޔަ މާއްދާއެއް މި އެއްބަސްވުމުގައި އޮތްކަމަށް ބެލިދާނެއެވެ. އެއީ ފަސްވަނަ މާއްދާއެވެ. ރާއްޖެ "ދިފާއުކުރުމަށްޓަކައި" އިނގިރޭސި ލަޝްކަރަކަށް ބޭނުންވެއްޖެ ކޮންމެ ތައްޔާރީއެއް ކުރުމާއި އެފަދަ ތައްޔާރީއެއް ދެމެހެއްޓުމުގެ ހައްގު ފަސްވަނަ މާއްދާއިން ލިބިދެއެވެ. އަދި މިފަދަ ތައްޔާރިތަކަށް ދިވެހިރާއްޖޭގެ ރަދުން އެހީތެރިވެ ވަޑައިގެންނެވުން ވެސް މިމާއްދާއިން ޝަރުޠުކުރެއެވެ. ގަބޫލުކުރެވޭ ގޮތުގައި އައްޑޫ ގަމަށް އިނގިރޭސިން ފޭބީ މި މާއްދާގެ ދަށުންނެވެ. ކިލެގެފާނާ އެކު ކުރެވުނު "އިނީޝިއަލް އެގްރީމެންޓް" އެއީ މޫނުމައްޗެކެވެ. އެހެންކަމުން މި ނުކުތާގައި ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދިފާއު ކުރެވޭނެ ޖާގަ އެބައޮތެވެ.
1887 ވަނަ އަހަރުން ފެށިގެން ހަތްދިހަ އެތައް އަހަރުގެ ދިގުލީ އަޅުވެތިކަމެއްގައި ބަނދެވިފައިއޮތް ދިވެހި އުންމަތް މިނިވަން ވެފައިވަނީ 26 ޖުލައި 1965 ވަނަ ތާރީޚުގައެވެ. މިކަމަށްޓަކައި ކުރެވުނު މަސައްކަތްތައް ގިނަގުނައެވެ. ގުރުބާނީތައް މާގިނައެވެ. އެހެންކަމުން ޚިދުމަތްތެރި އަރިސްތަކަށް ހައްގުވާ ޝުކުރާއި ތާރީފު ދަންނަވަމެވެ.
އިނގިރޭސިންގެ ހިމާޔަތުން ދިވެހިން މިނިވަންވެ އދ. ގައި ބައިވެރިވުމަކީ މިޒަމާނުގެ ތަރައްގީގެ ފެށުމެވެ. އުފަންވުން ގިނަ ވިޔަސް އާބާދީ ގިނަނުވާ ހާލަތުގައި އޮތް ސިއްހީ ހާލަތު ރަނގަޅު ކުރެވުނެވެ. މަސްވެރިކަން ރަނގަޅު ކުރެވުނެވެ. ޓޫރިޒަމް ގާއިމް ކުރެވުނެވެ. އިނގިރޭސި މީޑިއަމް ތައާރަފު ކުރެވުނެވެ. ތައުލީމު ފެތުރުމުގެ މަޝްރޫއުތަކެއް ފެށުނެވެ. އދ. ގެ ދޮރޯށިތަކުން ވަދެ ދުނިޔޭގެ ސަފަށް ނުކުމެވުނެވެ. މިއަދު ތަރައްގީ ވެފައިވާ ވަސީލަތްތަކަކީ މިދެންނެވި ރޮނގު ރޮނގުން ފެށިގެން އައި ތަރައްގީއެވެ. މަދުކަމެއް މެނުވީ މައިގަނޑު ހުރިހައި ކަމެއްގައެވެ. އެހެންކަމުން މިއަދުގެ ތަރައްގީގެ މައި ސިކުނޑިއަކީ ކޮބައިތޯ ވިސްނައިލުމަކީ މިއަދާ މުނާސަބު ކަމެކެވެ. ޝައްކެއް ވެސް ނެތެވެ. އެއީ ސުވުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނު، ނިޝާނުލް ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އެވެ.
މިއަދުގެ އިބުރަތަކީ އިބްރާހީމް ނާޞިރާ މެދު އަޅުގަނޑުމެން ކަންކުޅައީ ކޮންގޮތަކަށް ހެއްޔެވެ؟ ހަމަކަށަވަރުން އެމަނިކުފާނުގެ ލަގަބުތައް ވަނީ ނިގުޅައިގެންފައެވެ. މީގެ އިތުރަށް ހިނގައިދިޔަ ހުރިހައި ކަމެއް ލޮދުން ދެކެ ހަގީގަތް ސާފުވެފައިވާ އެތައް ބަޔަކު ދުނިޔޭގައި އެބަތިއްބެވެ. މިވަރުން މިއަދަށް ފުދެއެވެ.
އަޅުގަނޑުމެންނަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ދައުވާ ކުރާ ބައެކެވެ. ސުވާލަކީ ދުނިޔޭގެ އެހެން މީހުން ވެސް ހަދަނީ މިހެން ހެއްޔެވެ؟ ދުނިޔޭގެ ދަގަނޑު އަތް ކަމުގައިވާ އެމެރިކާއިން ޕެނަމާގެ ޖެނެރަލް ނޮރިއޭގާ ހިފައި ހައްޔަރުކޮށްގެން ޝަރީޢަތަށް ހާޒިރު ކުރިއިރު ނޮރިއޭގާގެ މޭމަތީގައި މެޑެލްތައް ވިދަވިދާހުރިތަން ދުނިޔޭގެ ލޯތަކުން ދުށްޓެވެ. މިވަރުން މިއަދަށް ފުދެއެވެ.
މިއީ އަޅުގަނޑުމެންގެ ގައުމީ ސުލޫކު ކަމުގައި ވަނީ ނަމަ އަޅުގަނޑުމެންގެ ހަޔާތް ވޭތުކުރަމުން މިދަނީ މިނިވަންކަން މަތީގައިތޯ ސުވާލުކުރަން ޖެހެއެވެ. ތިމާގެ އަމިއްލަ ބޯ ހުރިތޯ ދެކޮނޑު ދޭތެރެއަށް އަތްލާ މިސާލުގައެވެ. މިވަރުން މިއަދަށް ފުދެއެވެ.
މިއަދުގެ އިބުރަތަކީ ގުރުބާނީގެ އަގު ވަޒަން ނުކުރާ ބަޔަކަށްޓަކައި ގުރުބާންވާނޭ މީހަކު ނުހުންނާނޭކަން ދެނެގަތުމެވެ. މިއީ މިނިވަންކަމުގެ ރަންޔޫބީލްގެ މުނާސަބަތުގައި ބިންވަޅު ނެގެންވީ ނުކުތާއެކެވެ.
މިނިވަންކަމުގެ ހިޔަލުގައި މިއަދު ކުލަބޮކީގެ އަލީގައި އަޅުގަނޑުމެން ދިވެހި ޖައްވަށް ނޭވާލާއިރު މިނިވަންކަމުގެ ބަޠަލު އިބްރާހީމް ނާޞިރު ވަނީ އަޅުގަނޑުމެންނާ ތާއަބަދަށް ވަކިވެވަޑައިގެންފައެވެ. އެންމެ ރަނގަޅެވެ. އެމަނިކުފާނުގެ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ޚިދުމަތްތެރިންނާ މެދު އަޅުގަނޑުމެން ދެކެނީ ކިހިނަކުން ހެއްޔެވެ؟ މި ގައުމުގައި ހައްގުވެގެންވީ މަގާމު އެބޭފުޅުންނަށް ދެވުނު ހެއްޔެވެ؟ ކަރުތާފަތު ވިހައިގެ ފަރުވާއަށް ފެންކައްކާބޮލި ނެރޭ އުސޫލުން މިނިވަން ދުވަހަށް ކޯޓޭޝަނެއް ހޯދާލަން ނޫން ގޮތެއްގައި އެބޭފުޅުންގެ ދައުރެއް މުޖުތަމައުން ފެނިގެން ދޭހެއްޔެވެ؟ މިހިރީ މިނިވަންކަމުގެ އަގުވަޒަންކުރުމުގެ ސުވާލުތަކެވެ. މި ސުވާލުތަކުގެ ޖަވާބުތައް ހުރިގޮތެއްގެ މައްޗަށް މުސްތަގުބަލް ބައްޓަންކުރުމަކީ މިއަދު އަޅުގަނޑުމެން ކުރަނޖެހިފައިވާ އެންމެ ބޮޑު މަސައްކަތެވެ. މި މަސައްކަތް ކުރުމުގެ ހެޔޮ ނިޔަތާއި، މަސައްކަތް ކާމިޔާބު ކުރުމުގެ ހެޔޮ ތައުފީގު ކީރިތި ﷲ މިގައުމަށް މިންވަރު ކުރައްވާށިއެވެ. އާމީން
ކިޔުންތެރިންގެ ހިޔާލު